Last Updated: May 5, 11:17
Sunday, May 5, 2024
ޚަބަރު

އެމްޑީއޭ އިން މަޖިލިސް އިންތިޚާބަށް ގިނިކަންޏާ ނިކުންނަނީ

ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވަންދެން ވެސް އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމާއެކު ސަރުކާރު ކޯލިޝަނުގައި އޮތް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ) އިން ކުރިއަށް އޮތް މަޖިލީހުގައި އިތުރު ޕާޓީއަކާ ނުގުޅި ގިނިކަންޏާ ނިކުތުމަށް ނިންމައިފިއެވެ.

ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި، ލީޑަރ، އަހުމަދު ސިޔާމް މުހައްމަދުގެ ބައިވެރިވުމާއެކު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީއޭ އިން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެވެ.

އަދި މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެމްޑީއޭގެ ލީޑަޝިޕް އަލުން، ޕާޓީ އުފެއްދެވި މީދޫ ދާއިރާގެ މެމްބަރު ސިޔާމާއި ވަނީ ހަވާލުކޮށްފައެވެ.

ސިޔާމް ވަނީ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް، ޕާޓީގެ ލީޑަޝިޕް ޑެޕިއުޓީ ލީޑަރ އަލީ މައުރޫފާއި ހަވާލުކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފައެވެ. މައުރޫފްގެ ލީޑަޝިޕްގެ ދަށުން ޕީޕީއެމް ކޯލިޝަނުން އެމްޑީއޭ ވަކިވިއެވެ. ނަމަވެސް އިދިކޮޅު ބޮޑު ކޯލިޝަނާއި އެއްކޮޅަށް އެމްޑީއޭ އިން އަރާފައެއް ނުވެއެވެ.