އައްޑޫ އިންޖީނުގޭގެ މުވައްޒަފުންތައް ފެނަކަ ކޯޕަރޭޝަންގެ ދަށަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ބަދަލު ކުރިކަން އަންގައި މިދިޔަ ބުރާސްފަތި ދުވަހު މުވައްޒަފުންނަށް އެންގި އިރު އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް މުވައްޒަފުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ދަށަށް މުވައްޒަފުން ބަދަލު ކުރުމާ ގުޅިގެން އެކަމުގައި ހުރި ކަންބޮޑުވުންތައް ވަނީ "އައްޑޫ ލައިވް" އާ ހިއްސާކޮށްފަ އެވެ. އެގޮތުން މުވައްޒަފުން ބުނީ ފެނަކަ ކޯޕަރޭޝަންގެ ދަށައް މުވައްޒަފުން ބަދަލުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އަދި އެކަން މުވައްޒަފުންނަށް އަންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މުވައްޒަފުން ބުނީ މިހާރު ހުރިހާ މުވައްޒަފުން ވެސް ތިބީ ތިން މަހުގެ ޕްރޮބޭޝަންއެއްގައި ކަމަށެވެ. ނަމަވެސް އެމީހުން ޕްރޮބޭޝަނަށް ދާން ޖެހުނީ ކީއްވެގެން ކަން ނުވިސްނޭ ކަަމަށެވެ.
"އަހަރެމެންގެ ތެރޭގައި އެބަތިބި 20 25އަހަރު އިންޖީނުގޭގައި ވެފައި ތިބި މުވައްޒަފުން. މީގެ ތެރޭގައި އެބައުޅޭ އެމްއީބީ އިން އިންޖީނުގެ ހިންގި އިރު ތިބި މީހުން، އެމީހުން ސްޓެލްކޯއަށް ބަދަލުކޮށް އޭގެ ފަހުން ސަދަން ޔޫޓިލިޓީ އަށް ބަދަލު ކުރީ. އެއްވެސް ފަހަރަކު މުވައްޒަފުން ވަގުތީ ނުވޭ. މީ ކިހިނެއް ވާކަމެއް ކަމެއް ނުވިސްނޭ." މުވައްޒަފަކު ބުންޏެވެ.
އެ މީހުންގެ ޝަކުވާއަކީ މުވައްޒަފުން އޮނިގަޑަށް ފައްތަން ވަގުތީ ކޮށް މުސާރަ ކުޑަކޮށްފައިވާތީ އެވެ. އަދި ކުންފުނިން ހަދާފާނެ އެއްޗަކާ މެދު މުވައްޒަފުން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ.
"ބޮޑަށް ބެލެވެނީ ތިން މަސް ހަމަވީމާ ކޮންމެވެސް ބަހަނާއެއް ދައްކާލާފައި ގެއައް ފޮނުވާލާނީ ކަމަށް. މީ މުޅިން ސިޔާސީ ގޭމް މިކުޅެނީ." މުވައްޒަފަކު ބުންޏެވެ.
ގިނަ މުވައްޒަފުން ބުނަނީ ދާއިމީ ވަޒީފާއެއްގައި ތިއްބާ ކުއްލި ގޮތަކަށް ވަގުތީ މުވައްޒަފުންނަށް ބަދަލުކޮށްލުމުން އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ބައެއް މީހުން ގަބޫލް ކުރާ ގޮތުގައި މިއީ އެ މީހުންނަށް ދިން ތިން މަސް ދުވަހުގެ ނޯޓިސްއެކެވެ.
މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނަަމަވެސް އެތަނުގެ އިސް މުވައްޒަފަކު ބުނީ އޮނިގަޑަށް ގެނައި ބަދަލަކާ ގުޅިގެން މުވައްޒަފުންގެ މުސާރަ އަށް ބަދަލުވިކަން ރަނގަޅު ކުރާނެ ކަމަށެވެ.
ސަދަން ޔޫޓިލިޓީގެ ދަށުން ހިންގަމުން އައި އިންޖީނުގެ އާއި މަގުހަދާ ޔުނިޓް ވަނީ ދެބައި ކޮށް އިންޖީނުގެތައް ވަނީ ފެނަކަ ކޯޕަރޭޝަނަށް ބަދަލުކޮށްފައެވެ. އަދި މަގު ހަދާ ޔުނިޓް މެޝިނަރީ އާއި އެކުވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ދަށަށް ބަދަލުކޮށްފައެވެ.
ސަދަން ޔޫޓިލިޓީގައި ހުރި މެޝިނަރީޒްތައް ދެ ކުންފުންޏަކަށް ބައި އެޅި އިރު 17 ވަނަ ސާކް ސަމިޓަށް އަމާޒުކޮށް އައްޑޫގައި ހިންގި މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލާއި މެޝިނަރީޒް އެސްޓީއޯ އިން ވަނީ ކްރެޑިޓަށް ގެނެސްފަ އެވެ.
އެގޮތުން ގެނައި ސާމާން ތަކަށް ދައްކަން ޖެހޭ 25 މިލިއަނެއްހާ ރުފިޔާ ނުދައްކައިވާ އިރު އެ ކުންފުނީގެ މުދަލާއި މުވައްޒަފުން ވަނީ ދެބައިކޮށްފަ އެވެ.