އައްޑޫ ސިޓީ ކައުންސިލް އިން އާ ސަރުކާރުގެ ހަ މިނިސްޓްރީއެއްގެ ވަޒީރުންނާއި އިއްޔެ ބައްދަލުކޮށްފި އެވެ.
އެގޮތުން ސިޓީ ކައުންސިލުން އިއްޔެ ބައްދަލުކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އާއި، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އާއި، އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު އާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އަދި ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް އާއެވެ.
އެގޮތުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އާއި ބައްދަލުކުރައްވައި ކައުންސިލުން ވަނީ އައްޑޫ ސިޓީގެ މިސްކިތްތަކުގެ ޙާލަތާއި، އެތަންތަން ބެލެހެއްޓުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުންނާއި، ފިތުރު ޒަކާތާރި މުދަލު ޒަކާތާއި ބެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އަދި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ސިޓީ ޕޮލިސްއެއްގެ ގޮތުގައި އައްޑޫގެ ޕޮލިހުންގެ ޚިދުމަތް އިންތިޒާމް ކުރުމާއި، ސިޓީ ވެށި އަމާންކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން އައްޑޫ ނޭޗަރ ޕާކް އާއި ރަށް ގިރުމުގެ މައްސަލައާއި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު އާއި މަޝްވަރާކުރެއްވިއިރު، ޓްރާންސްޕޯޓްގެ ޚިދުމަތާއި ގުޅޭގޮތުންނާއި އެއްގަމާއި ކަނޑުގެ ދަތުރުގެ ރައްކާތެރިކަމާއި ރަޖިސްޓްރޭޝަނާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ވަނީ މަޝްވަރާކުރައްވާފަ އެވެ.


މިއާއެކު އައްޑޫގެ ތަޢުލީމީ ކަންކަން ރަނގަޅު ކުރުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އާއި ކައުންސިލުން މަޝްވަރާކުރައްވާފައިވާ އިރު، ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް އާއި ވަނީ އައްޑޫގެ ކުޅިވަރުގެ ކަންކަމާއި ކުޅިވަރުގެ ވަސީލަތްތައް ބެލެހެއްޓުމާޢި ތަރައްޤީ ކުރުމާއި، ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.


އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުދަ ދުވަހު ވެސް ބައެއް މިނިސްޓްރީތަކުގެ ވަޒީރުންނާއި ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.