ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ހުށައެޅުއްވި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އަބުޅޯ، ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅީ އެކަމަނާގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ އިސްތިއުފާ ދެއްވުމަށް ގޮވާލުމަށް ފަހުގައެވެ. އަބުޅޯ ވަނީ މައްސަލަ ހުށައެޅުމުގެ ކުރިން އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލީހަށް މައްސަލަ ހުށައަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަބުޅޯ މައްސަލަ އަނބުރާ ނެގީވެސް ހުށައެޅި ދުވަހުގައެވެ.
ނަމަވެސް އަބުޅޯ މައްސަލަ އަނބުރާ ނެގި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އަޑުތައް އިވޭ ގޮތުގައި އަބުޅޯ އެ މައްސަލަ އަނބުރާ ނެގީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އެދިލެއްވުމެއްގެ މަތިންނެވެ. އެކަމާ ގުޅޭގޮތުން ޖޭޕީގެ ބަހެއް ވެސް އަދި މެމްބަރު އަބްދުﷲ ގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.