ކުރިއަށް އޮތް އަހަރަށް ލަފާ ކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް އިސްލާހު ގެނެސް 30.2 ބިލިއަނަށް ބޮޑުކޮށް ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުށައެޅި ބަޖެޓަކީ އާ ސަރުކާރުން ބޭނުންވި ގޮތަށް ހުށައެޅި ބަޖެޓެއް ނޫން ކަމަށް ބުނެ އޭރު އިދިކޮޅުގައި ހަރަކާތްތެރިވި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ ބަޖެޓަށް ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ރައީސް އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކަށް ބަޖެޓުން ޖާގަ ދީފައިވެއެވެ.
ބަޖެޓު ފާސްވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވޯޓެއް ނެގިގެންނެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެމްޑީޕީ މެމްބަރުން ވަނީ ބަޖެޓުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.
އާސަރުކާރުން ވަނީ ދައުލަތުގެ ދަރަނި ބޮޑުވެ، ސަރުކާރު ހިންގަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން ރައީސްގެ ޚާއްސަ މިނިސްޓަރުންގެ ވަފުދެއް ވަނީ ރާއްޖެއިން ބޭރަށް މާލީ އެހީތެރިކަން ހޯދުމަށް މިއަދު ދަތުރުފުޅެއް ފައްޓަވާފައެވެ.