Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ޑރ. ޖަމީލްވެސް މިފަހަރު މަޖިލީހަށް؟

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވަނީ މަޖިލިހަށް ވާދަކުރުމުގެ ޝައުގުވެރިކަން ހާމަކުރައްވާފައެވެ. އެގޮތުން ސިޔާސީ ދާއިރާގައި މަސައްކަތް ކުރެވެން އޮތީ ހަމައެކަނި ސަރުކާރުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ވެސް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ކަން ޖަމީލް ފާހަގަކުރެއްވިއެވެ. ނަމަވެސް ސީދާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަން އެމަނިކުފާނު އިއުލާނު ކުރައްވާފައެއް ނުވެއެވެ.

ޑރ. ޖަމީލް ވަނީ ނިމިގެން ދިޔަ ހަތަރު ސަރުކާރުގައި ވެސް ކެބިނެޓުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫންގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރަކަށް ހުންނެވި ޖަމީލް، ރައީސް ނަޝީދުގެ ސަރުކާރުގައި ފެނިގެން ދިޔައީ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަގާމުންނެވެ.

ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ވެރިކަމާއި ހަވާލުވެވަޑައިގަތް ޑރ. ވަހީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވުމަށް ފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ނިކުމެ އިންތިޚާބު ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ ނައިބު ރައީސްގެ މަގާމުވެސް ކުޑަ ދުވަސްކޮޅެއް ވަންދެން އެމަނިކުފާނު ފުރުއްވިއެވެ.