ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް، 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި މަނާ ބޭހެއް ބޭނުން ކުރުމުގެ ސަބަބުން މެޗަށް ފަހު ހެދި ޓެސްޓުން އެނގިފައިވާ ކަމަށާއި އެކަން ޔުއެފާއިން ފޮރުވި ކަމުގެ ތުހުމަތު ކުރެވެން ފަށައިފިއެވެ.
ޖަރުމަނުވިލާތުގެ ނޫހެއް ކަމަށްވާ ޑަ ސްޕީގެލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާމޯސް ވަނީ ޑުރަގު ޓެސްޓުން ދެފަހަރު ފެއިލް ވެފައި ކަމަށެވެ. އަދި ޔުއެފާ އިން އެކަން ފޮރުވީ އިދާރީ ކުށެއް ކަމަށް ބުނެފައި ކަމަށް މި ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް ރެއާލް މެޑްރިޑުން ވަނީ ރާމޯސްއާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. ކުލަބުން ބުނެފައިވަނީ ރާމޯސްއާ ދެކޮޅަށް ކުރެވެނީ ސާބިތުނުހިފޭ، ހެއްކެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
ޚަބަރު ލިބޭ ގޮތުގައި ރާމޯސް ބޭނުން ކޮށްފައިވަނީ ކުޅިވަރު ކުޅުންތެރިންނަށް މަނާ ބޭހެއް ކަމަށްވާ ޑެކްސަމެތަސޯން އެވެ. ކުލަބު ޑޮކްޓަރު ބުނެފައިވަނީ އޭނާ ރާމޯސްއަށް ދިނީ ބީޓާމެތަސޯން ކަމަށެވެ. އަދި މަނާ ބޭސް ދެވުނީ އޮޅިގެން ކަމަށް އޭނާ ބުނެފައިވެއެވެ.