މިސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީއަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ފޮރުވައިގެން މަސައްކަތް ކުރާނެ ވުޒާރާއެއް ނޫން ކަމަށް ވިދާޅުވެ މާޒީ ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަލީ ވަހީދު އަރުވައިފިއެވެ.
ރޭ މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން ހާޒިރުވި ހުރިހާ ނޫސްވެރިންނާއި ވަކިން ބައްދަލުކުރައްވައި އަލީ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ކުރާ އެއްވެސް ކަމެއް ފޮރުވައިގެން ނުކުރާނެ ކަމަށާއި ވީހާވެސް ބޮޑަށް ދެފުށް ފެންނަ ނިޒާމެއް އެމަނިކުފާނުގެ ވަޒީރުކަމުގައި ގާއިމުކުރައްވާނެ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މާޒީގެ ސަރުކާރުތަކުގައި ޓޫރިޒަމް މިނިސްޓްރީ ތެރެއިން ހެދިފައިވާ ސިއްރު އެއްބަސްވުންތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެކަން ކުރައްވާނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
އަދި މަގާމަށް އާދެވުމުން މާ ބޮޑު މީހެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި، ފަހަރެއްގައި ވެސް ގާނޫނީ އިމަށްވުރެ މަތީގައި ހުރި މީހެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އަކީ އެންމެ މީހެއްގެ ބަސް ހިނގާ ތަނެއްގެ ގޮތުގައި ހުރިހާ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދުމަށްފަހު ކަންކަން ނިންމަވާ ވުޒާރާއަކަށް ހައްދަވާނެ ކަމަށް އަލީ ވިދާޅުވިއެވެ.