ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ތާއީދުކުރާ ކަމަށް އެމްޑީޕީ އިން ހާމަކޮށްފި އެވެ.
އެގޮތުން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި ޗެއަރޕަރސަން ހަސަން ލަތީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރަކާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި މަޖިލީހަށް ވާދަކުރާ ދާއިރާތައް ބަހާނެ ގޮތްތަކެއް ކޯލިޝަން އިން ނިންމުން ލަސްވާތީ، ހުރިހާ ދާއިރާއަކަށް ވެސް ވާދަކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދުކުރައްވާ ކަމަށެވެ. އަދި ޤައުމީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކަމާއި ދެކޮޅު ހެއްދެވީ އެންމެ މެމްބަރެއް ކަމަށެވެ.
އެހެންނަމަވެސް އަދި އެކަމާއި ގުޅޭގޮތުން ޕާޓީ އިން ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ނަމަވެސް ކުރިއަށްދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި އަންނަ އަހަރުގެ އިންތިޚާބަށް އަލަށް އިތުރުކުރާ 2 ދާއިރާއާއި އެކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޖުމްލަ 87 ދާއިރާ އިއުލާންކޮށްފަ އެވެ.