Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކާށިދޫ ދާއިރާ އަށް ވާދަކުރައްވަން ޖާބިރު ނިންމަވައިފި

ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަކަށް އައްޔަންކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު އެކަން އިއުލާންކޮށްފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޖާބިރު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

"މި އަންނަ ހަފްތާ ބަންދުގައި ކާށިދޫ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރަން ދާނަން"، ޖާބިރު ވިދާޅުވެފައި ވެއެވެ.

ޖާބިރު އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން މީގެ ކުރިންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކާށިދޫ ދާއިރާ އަށް ވާދަކުރެއްވުމަށް ޖާބިރު ނިންމަވާފައިވާއިރު، އެ ދާއިރާގެ ގޮނޑި މިހާރުވެސް ވަނީ ހުސްވެފަ އެވެ. އެއީ ކާށިދޫ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ފައިސަލް ނަސީމް، ނައިބު ރައީސް ކަމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ.