ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމަށް ފާސްކުރި ގޮތާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޑރ. ޖަމީލް އެމްޑީޕީގެ މަޖްލިސް މެމްބަރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ނައިބް ރައީސް ޑރ. ޖަމީލް މަޖްލިސްއިން އަޒަލުކޮށްފައިވަނީ އެމްޑީޕީ އަދި ޖޭޕީގެ އިތުރުން ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން 78 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އޭނާގެ އަޒަލު ކުރުމަށް އެމްޑީޕީން އޭރު ވޯޓުދިނީ ރައީސް ފޮނުވާ ނަމަކަށް ވުމުންކަމަށް ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ބުނެފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ އީވާ ފަދަ މެމްބަރުން ވިދާޅުވީ ރައީސް ނަންފުޅު ފޮނުއްވީމާ ސީދާ ވޯޓު ދެއްވާނެކަމަށް ވާހަކަ ދެއްކަވާފައިވާ ކަމަށެވެ.
"އީވާމެން ކަހަލަ ބޭބޭފުޅުން ތެދުވެފައި ވިދާޅުވެފައި އޮން ރެކޯޑުގައި އޮންނާނެ އިނގޭތޯ. ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުވީމަ ދެން އެކަމާ އަޅުގަނޑުމެން ބުނާނީ އާއެކޭއޭ."
ޖަމީލް ވިދާޅުވީ އޭނާގެ މައްސަލަ މަޖްލިސްގައި ކުރިއަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށްކަމަށެވެ. އަދި އެކަން ކުރުމުގައި ތަފާތުކޮށާްފައިވާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.
"….ޖަމީލާ ޖެހުނީމަ އޯކޭ. ރައީސް ނަޝީދާ ޖެހުނީމަ ގޯސް. އެހެން ބޭބޭފުޅުންނާ ޖެހުނީމަ ގޯސް. މިއަކަށް ޑިމޮކްރެސީއެކޭ ނުކިޔާނެ."
ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްެއަށް ހުށަހަޅާފައިވަނީ 30 ޖޫން 2015 ގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
މަޖިލީހުގެ 61 މެންބަރުންގެ ސޮޔާއި އެކު ޝުޖާއު ހުށަހެޅުއްވި ޤަރާރަށް މަޖްލިސްގެ 78 މެމްބަރަކު ވޯޓު ދެއްވި އިރު އެދުވަހު އެކަމާއި ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އޭރުގެ މެމްބަރު އަދި މިހާރުގެ ޔޫތު. މިނިސްޓަރ އަހުމަދު މަހްލޫފު އާއި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިންނެވެ.
ޖަމީލް އަޒަލު ކުރި މައްސަލާގައި އެމްޑީޕީއަށް ފާޑުކީއިރު ކެބިނެޓުގައި ހިމެނޭ ޖޭޕީގެ މެމްބަރުންނަށް އަމާޒު ކުރެވޭ ފާޑުކިއުން ތަކާއި ގުޅިގެންވެސް ޖަމީލް ވަނީ އެމްޑީޕީ މެމްބަރުންނަށް ފާޑު ވިދާޅުވެފައެެވެ.