Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މިނިސްޓަރު އައިޝާ މަގުމައްޗަށް ނިކުމެ ރައްޔިތުންގެ ޝަކުވާތައް އައްސަވައިފި

ޓްރާންސްޕޯޓު މިނިސްޓަރ އައިޝާ: ފޮޓޯ - އަވަސް

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އާއިޝަތު ނަހުލާ މިއަދު މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކަށާއި ބަނދަރު މައްޗަށް ނިކުމެވަޑައިގެން، ރައްޔިތުންގެ ޝަކުވާތައް އައްސަވައިފިއެވެ.

ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅުމުގައި އަދި ޕާކުކުރުމުގައި އާންމުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވުމަށް މިނިސްޓަރު އައިޝާ ވަޑައިގެންނެވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު އާއި ފުލުހުންގެ ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް މުހައްމަދު ލުތުފީ އާއި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ހުސެއިން ސަމީރުއާ އެކުގައެވެ.

ރައީސް އިބޫ ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީ އިން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން ފުރަތަމަ 7 ދުވަހު ކުރުމަށް ނިންމި ކަންތައްތައް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ޓެކްސީ ބޯޑުން ފީ ނެގުން ނިމުމަކަށް ގެނެސްފައިވާއިރު ދައުލަތުގެ ބޭނުމަށް ފަޅު ތެރޭއިން ނަގާފައި ހުރި ތަންތަން ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމާއި ގަވައިދާ ހިލާފަށް މަގު މަތީ ޕާކުކޮށްފައި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ވެސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާންމުންގެ މެދުގައި އާ ކެބިނެޓާ ގުޅޭ ގޮތުން ނެގުނު ގިނަ ޕޯލުތަކުގައި މިނިސްޓަރު އައިޝާ ވަނީ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ނުލިބުނު މަދު މިނިސްޓަރުންގެ ތެރޭގައި ހިމެނިފައެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ ފާޑުކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި އެކަންތައް އިސްލާހު ކުރައްވާނެ ކަމަށެވެ.