ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ސިއްހީހާލުކޮޅު ހުރިގޮތުން އާއިލީ އެހީތެރިކަން ބޭނުންވާތީވެ، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް އެޗްއާރުސީއެމުން ކަރެކްޝަނަލް ސާރވިސްއަށް އަންގައިފިއެވެ.
ކަރެކްޝަނަލް ސާރވިސްއަށް އެޗްއާރުސީއެމުން މިކަން އަންގާފައިވަނީ އަދީބުގެ ކިޑްނީ އޮޕަރޭޝަނެއް އައިޖީއެމް ހޮސްޕިޓަލުގައި ކުރުމާއި ގުޅިގެން 3 ހަފްތާ ވަންދެން އާއިލާގެ ކައިރިއަށް ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނިކޮށެވެ. އާއިލީ އެހީތެރިކަން ބޭނުންވާ ކަމަށް ޑޮކްޓަރު ލަފާ ދެއްވުމުން ޑޮކްޓަރުގެ ލަފާ ދެއްވާފައިވާ ސިޓީ އަދި އަދީބްގެ ހާލަތު އާއިލާއިން ވަނީ އެޗްއާރުސީއެމާއި ހިއްސާކޮށްފައެވެ.
އެލިޔުމަށް ބިނާކޮށް އެޗްއާރުސީއެމުން ވަނީ އަދީބް ގެއަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާރވިސްއަށް އަންގާފައެވެ. މީގެ އިތުރުން އެޗްއާރުސީއެމުން އިއްޔެ ވަނީ އަދީބްގެ އާއިލީ ބޭފުޅުންނާއި ބައްދަލްކުރައްވާފައެވެ. އެ ބައްދަލުކުރެވުމުގައި އެޗްއާރުސީއެމްގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ކަރެކްޝަނުން އަމަލުކޮށްފައިވޭތޯ އާއިލާ ވަނީ ސުވާލުކޮށްފައެވެ.
އެޗްއާރްސީއެމުން ކަރެކްޝަނަށް އެހެން އެންގި ކަމުގައި ވިޔަސް އަދި މިހާތަނަށް އަދީބް ގެޔަށް ބަދަލު ކުރުމާއިމެދު އަމަލުކުރާނެ އެއްވެސް ގޮތެއް ކަރެކްޝަނުން މިވަގުތާއި ހަމަޔަށް ވެސް ހާމަކޮށްފައިނުވާ ކަމަށް އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ބުނެފައެވެ.
ނަޝްވާ ވިދާޅުވީ އަދީބްގެ ކިޑުނީގެ އޮޕަރޭޝަނަށްފަހު، 24 ގަޑިއިރު އާއިލާގެ އެހީތެރިކަން ބޭނުންވާކަމަށާ އެހެންކަމުން ގޭ ބަންދަށް އަދީބް ބަދަލުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާކަމަށެވެ.
މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އަދީބަށް ގެންދަނީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.
ސިއްހީ ގިނަ މައްސަލަތަކެއް އަދީބަށް ދިމާވެފައިވާއިރު، އޭގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދުމާއި، ލޮލުގެ ނުރައްކާތެރި ބައްޔެއް ކަަމަށްވާ ގުލުކޮމާ ޖެހިފައިވުމާއި، ކިޑްނީގައި ހިލަ އުފެދުން ހިމެނެއެވެ. އަދީބްގެ އެތެރެހަށީގައި ސިސްޓު އުފެދުމާއި، ލޮލުގެ ބައްޔަށް ރާއްޖެއިން ފަރުވާނުކުރެވޭނެ ކަަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް އަދީބްގެ ވަކީލުންނާއި އާއިލާއިން ގެންދަނީ ބުނަމުންނެވެ.
ނަމަވެސް ސިއްހީ ފަރުވާ ހޯދުމަށް އަދީބް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމަށް ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އަދީބާއިމެދު އަމަލުކުރާނެ ގޮތެއް ރައީސް އިބޫ ސޯލިޙްގެ އައު ސަރުކާރުން ވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ފިސްތޯލަ ގެންގުޅުއްވި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކުގައި 33 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ އަދީބުގެ ސިއްހީ ހާލަތާމެދު ވަކީލުންނާއި އާއިލާއިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދީބް ގެޔަށް ބަދަލު ކުރުމަށް އެޗްއާރްސީއެމުން ކަރެކްޝަނަށް އަންގާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމަށް، އެމަނިކުފާނު ދަތުރު ކުރެއްވި ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް ހައި ކޯޓުގައި މާދަމާ ބާއްވަން ވަނީ ތާވަލް ކުރެވިފައެވެ.