ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި އެކަން ހައްލު ކުރައްވާނެކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމް ކުށް ސާބިތުވެ ތިން އަހަރު ޖަލުގައި ހުންނެވުމަށްފަހު މިނިވަންވެ، ހޯމް މިނިސްޓަރުކަމަށް ވަޑައިގެންނެވި އިމްރާން ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް މީހުން ޖަލަށް ލަނީ އިސްލާހު ކުުރުމަށް ކަމަށެވެ. ނަމަވެސް ޖަލުތަކުގައި ޤައިދީން އުޅެމުންދަނީ ހިތްދަތި އުނދަގޫ ހާލަތެެއްގައި ކަމަށެވެ. އަދި ޖަލަށްލެވޭ މީހާ ޖަލުން މިނިވަންވެ އެނބުރި މުޖްތަމައަށް ނިކުންނަނީ ކުރިން ހުރި ހާލަތަށްވުރެ ގޯސްކޮށް ކަމަށެވެ.
"އަޅުގަނޑު ޖަލުގެއެތެރޭގައި އޮތްއިރުވެސް އަދި ބޭރަށް އައިފަހުންވެސް ކިތަންމެ ފަހަރަކު ހިތަށްއަރާ، އަޅުގަނޑަކީ އާދައިގެ ދިވެއްސެއްނަމަ، އަޅުގަނޑު އުޅެފައިއައި ބައެއް ތަންތަނުގައި ހިނގާދިޔަ ކަންތައްތަކަށް ބަލާފައި، ހަމަ ރަނގަޅަށް މިހެން ސަލާމަތުންހުރެ ޖަލަށްވަތް އާދައިގެ މީހެއްނަމަ އަޅުގަނޑު ފަހަރެއްގައި ޖަލުން ނިކުމެދާނޭ ޑްރަގް ނަގާ މީހަކަށްވެގެން. ކީއްވެގެންތޯ؟"
އިމްރާން ވިދާޅުވިއެވެ.
ޖަލުގެ ހިތްދަތި ދިރިއުޅުން ތަޖްރިބާ ކުރެއްވި އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރ ކަމުގައި ޖަލުގެ ހާލަތު ރަނގަޅުކޮށް ދިވެހި ރައްޔިތުންނަށް ހިދްމަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.
ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމައް ކުރަންޖެހޭނީ ބުރަ އަދި މުހިއްމު މަސައްކަތްތަކެއްކަމަށާއި، އެކަންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރިއަށްގެންގޮސް ޖަލުން ނުކުންނަ މީހުންނަކީ ރަނގަޅު ހެޔޮލަފާ ބަޔަކަށް ހެދޭނެ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށެވެ.
އެގޮތުން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޖަލުތަކުގެ ގަވާއިދުތައް އިސްލާހު ކުރައްވާނެކަމަށެވެ.