ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރާ ދެކޮޅަށް ސާބިތުވި ޓެރަރިޒަމް ދައުވާގެ އިސްތިއުނާފުގެ އަޑުއެހުން މިއަދު ހައި ކޯޓުގައި ތާވަލުކޮށްފައިވަނިކޮށް ކެންސަލް ކޮށްފިއެވެ. އަޑުއެހުން ކެންސަލް ކުރީ އިއްޔެ ކުރި އަދީބުގެ އޮޕަރޭޝަނަކަށް ފަހު އެޑްމިޓް ކޮށްފައި އޮތުމުން، ވަކީލުންގެ އެދުމުގެ މަތިންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ކަމުގެ ކުށް ސާބިތުވެ ކޯޓުން ވަނީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދީބުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރީ އެ ދައުވާއަކީ ސިޔާސީ ގޮތުން ކުރި ދައުވާއެއް ކަމަށާއި ސާބިތުނުހިފޭ ދައުވާއެއް ކަމަށް ބުނެއެވެ.
އަދީބު ވަނީ އޭނާއާ ދެކޮޅަށް ކުރާ ދައުވާތަކުގެ ހުކުމް އޮންނަނީ މާ ކުރިން ލިޔެފައި ކަމަށާއި ކޯޓުތަކުން ހެއްކަކަށް ބެލުމެއް ނެތި އިންސާފުން އެއްކިބާވެ ހުކުމް ކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
އަދި މިނިވަން އިންސާފުވެރި ޝަރީއަތެއް ބާއްވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އަދީބު ވަނީ ކުރިންވެސް ވިދާޅުވެފައެވެ.