ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 11 ވަޒީރަކާއި އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށްފައިވާ އިރު ބައްދަލުވުންތައް ކާމިޔާބުކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރައީސް ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލާއިއެވެ. މި މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގައި އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާން އައްޑޫ ތަރައްޤީ ކުރުމަށް ވަކި މެނިފެސްޓޯއެއް އިއްލާން ކުރައްވާފައިވާ ކަމަށާއި، އެ މެނިފެސްޓޯ ތަންފީޒު ކުރައްވާނެކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަމުގެ ތެރޭގައި ސްޓޭޓު ސްކުއާގައި ބޮޑު ދިދަ ނެގުން އެކަނި އޮތުމުން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. ސޯލިހު ވިދާޅުވީ އެކަމަކީވެސް ކުރައްވާނެ ކަމެއް ކަމަށާއި، ނަމަވެސް އައްޑޫގެ ތަރައްޤީއަށް އެމަނިކުފާން ވައުދުވެވަޑައިގެންފައިވަނީ އެއަށްވުރެ ބޮޑެތި ކަންކަން ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލަށް ގާނޫނީ ބާރުވެރިކަންދީ، އައްޑޫ ތަރައްޤީ ކުރުމުގެ ފުރިހަމަ ބާރު ކައުންސިލަށް ދެއްވާނެކަމަށް ރައީސް ސޯލިހު ތަކުރާރު ކުރެއްވިއެވެ.
އާ ސަރުކާރުގެ 11 ވަޒީރުންނާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ހުރިހާ ވަޒީރުންވެސް ވަނީ ކައުންސިލަށް ބާރުދީ، ކައުންސިލުން އައްޑޫ ތަރައްޤީ ކުރުމަށްދޭން ޖެހޭ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ކަންކަން ކައުންސިލުން ކުރާއިރު އެކަމަށް މާލޭގެ ފިނި ކޮޓަރީގައި ހުންނަވައިގެން ހުރަސް ނާޅުއްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
ހަމައެގޮތަށް އައްޑޫގެ ކުޅިވަރު ދަނޑުތައް ތަރައްޤީކޮށް، އަމިއްލަ ކުޅިވަރު މުބާރާތް ރާވައި، އިންތިޒާމް ކުރުމަށް ޔޫތު މިނިސްޓަރ މަހްލޫފު ވަނީ ކައުންސިލަަށް ހިތްވަރު ދެއްވާފައެވެ. އަދި އެކަން ކާމިޔާބު ކުރުމަށް ކައުންސިލާއިއެކު ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް މަހްލޫފު ޔަގީންކަން ދެއްވިއެވެ.
އައްޑޫގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، އައްޑޫ ތަރައްޤީ ކުރުމަށް ނެޝަނަލް ޕްލޭނިން އެންޑު އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވަނީ ކައުންސިލާއި އެކު މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ވަޒީރުންނާއި ބައްދަލުކުރެއްވުމަށްފަހު އައްޑޫ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ވަކިވަކިން ބޭއްވުނު ބައްދަލުވުންތަކުން އުއްމީދު އާވެގެން ދިޔަ ކަމަށެވެ. އަދި ރައީސް ސޯލިހު ވަނީ އައްޑޫގެ ތަރައްޤީގެ ވައުދުނާމާ ފުރިހަމަ ކުރައްވާނެކަމަށް ވިދާޅުވެފައިކަމަށެވެ.
ސޯބެ ވިދާޅުވީ އައްޑޫއަށް ވަކި ވައުދުނާމާއެއް އެކުލަވާލާފައިވާއިރު އާ ސަރުކާރުން އެ ވައުދުނާމާ ފުރިހަމަ ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަން ކުރިއަށްދާ ގޮތް ބަލައި ކައުންސިލުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާނެކަމަށެވެ.