Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ނުހައްގުން އަނިޔާދިނުމުގައި ބައިވެރިވި ކޮންމެ މީހަކަށް އަދަބުދީ: ސައުދުﷲ

އިންސާފުން އެއްކިބާވެ އެއްވެސް މީހަކަށް ނުހައްގުން އަނިޔާ ދިނުމުގައި ބައިވެރިވި މީހަކަށް، އެ ބައިވެރިވި މިންވަރަކުން އަދަބު ލިބެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ ވަކީލުންނާއި ޕްރޮސެކިއުޓަރުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން އެތައް ބަޔަކަށް ނުހައްގުން ދައުވާ އުފުލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެބޭފުޅުން ވަޒީފާއިން ވަކިކޮށް ހައްގު އަދަބު ދިނުމަށް ގޮވާލާ މިދަނޑިވަޅުގައި ސައުދުﷲ ވިދާޅުވީ އަނިޔާވެރިވުމުގައި ބައިވެރިވި މިންވަރަކުން އެމީހަކަށް އެކަށީގެންވާ އަދަބު ދޭން ޖެހޭ ކަމަށެވެ.

އެހެން ނޫން ކަމަށްވާނަމަ މުސްތަގުބަލުގައި ވެސް އަނިޔާވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އެނުރައްކާތެރި ސަގާފަތް ނިމުމަކަށް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުހައްގުން/ބޭއިންސާފުން އަނިޔާ ދިނުމުގައި ބައިވެރިވި މިންވަރަކުން އިންސާފުވެރި ކަމާއެކު އަދަބު ލިބެން ޖެހޭ. އެހެންނޫނީ މުސްތަގުބަލުގައިވެސް އަނިޔާވެރިކަމަށް ހުއްޓުމެއް ނާންނާނެ. އަނިޔާއަކީ މާތް ﷲ އެކަލާނގެ ޒާތުފުޅަށް ވެސް ހަރާމްކުރެއްވި ކަމެއް"

މިދިޔަ ސަރުކާރުގައި ސިޔާސީ ގޮތުން ސަރުކާރާއި އިދިކޮޅަށް ނިކުތް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށް ޖަލަށް ލާފައެވެ. އެގޮތުން އޭރު ހައްޔަރުކޮށް ހުކުމް އިއްވި ބައެއް އިސް ފަރާތްތަކުން މިހާރު ވަނީ އޭރުގެ ހުކުމް ބާތިލުކުރެވި މިނިވަން ކުރެވިފައެވެ.

ފަނޑިޔާރުގެއަށް ކުރެވޭ އިތުބާރު އެންމެ ދަށްވި ދުވަސްތަކަށް ފާއިތުވެދިޔަ ފަސް އަހަރުވެފައިވާއިރު ސިޔާސީ ގޮތުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށް ޖަލަށް ލާފައެވެ.