ރާއްޖޭގެ ޑިމޮކްރަޓިކް ތާރީޚުގައި މިހާތަނަށް ތައުލީމީ ދުލަކުން އެންމެ ވިޔާނުދާ ބަހެއް ބޭރު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށް މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ފާޑުވިދާޅުވެ ޖަމީލް ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން ނިޒާރު ވިދާޅުވީ، "އިންތިޚާބުވިޔަސް ވެރިކަން ހަވާލުނުކުރައްވާނެ" ކަމަށް ޖަމީލް 2013 ވަނަ އަހަރު ދެއްކެވި ވާޙަކަފުޅަކީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ބޭފުޅަކު ދައްކަވާފައިނުވާ ވަރުގެ ވިޔާނުދާ ބަސްފުޅެއް ކަމަށެވެ.
ޔާމީންގެ ކެމްޕޭނުގައި ޑރ. ޖަމީލް ވަނީ އޭރު އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް އެމަނިކުފާނާ ވެރިކަން ހަވާލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިންތިޚާބު ޔާމީން ކާމިޔާބު ކުރެއްވި ނަމަވެސް ވެރިކަން ދެބައި ނުވަނީސް ރައްޔިތުންގެ މަޖިލީހުން ވަނީ ޑރ. ޖަމީލް މަގާމުން އަޒުލު ކުރައްވާފައެވެ. ޖަމީލް، އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ފާޑުވިދާޅުވީ އެމަނިކުފާނު "ގާނޫނާ ޚިލާފަށް" އަޒުލު ކުރުމުގައި އެމްޑީޕީ މެމްބަރުން ބައިވެރިވެވަޑައިގެންނެވީތީއެވެ.
ނިޒާރު ވަނީ މީގެ ކުރިންވެސް ނަޝީދާ ގުޅޭގޮތުން ޖަމީލް ދެއްކެވި ވާހަކަފުޅަކަށް ފާޑުވިދާޅުވެފައެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ކުރެއްވޭނީ އެމަނިކުފާނަށް ކަމަށް ވިދާޅުވެ ނަޝީދު، މިއަހަރު ކުރީކޮޅު ރިޔާސީ އިންތިޚާބަށް ކެމްޕޭނު ފެއްޓެވުމުން ޑރ. ޖަމީލް ވަނީ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
ޑރ. ޖަމީލްގެ އެ ވާހަކަތަކަށް ނުރުހުން ފާޅުކުރައްވައި ނިޒާރު ވިދާޅުވީ މައުމޫންގެ ކެބިނެޓުގައި ހިމެނި އެވެރިކަން ވައްޓާލުމުގައި، ނަޝީދުގެ ކެބިނެޓުގައި ހިމެނި ބަޣަވާތްކޮށް، ވަހީދުގެ ކެބިނެޓުގައި ހިމެނި ޔާމީންގެ ރަނިންމޭޓަކަށް އަދި ޔާމީންގެ ނައިބުގެ ގޮތުގައި ވެސް ހިފަހައްޓާނުލެވުނީ އަމިއްލަ އެދުން އިސްކުރައްވާތީތޯ ސުވާލުކޮށްފައެވެ.