މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް އަނިޔާކޮށް، ހާލު ދެރަވުމުގެ ސަބަބުން އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އެބަ ގެންދެއެވެ.
"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ގައިދީގެ ހާލު ދެރަވެ ހޮސްޕިޓަލަށް ގެނައީ ރޭގެ ވަގުތެއްގައެވެ. އޭނާއަކީ އައްޑޫ ސިޓީގެ ހިތަދޫ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު ވަނަވަރު ހާމަކުރަން ކަރެކްޝަނުން ވަނީ ދެކޮޅު ހަދާފައެވެ.
ޖަލުގައި އޭނާއަށް އަނިޔާ ކޮށްފައިވަނީ އިއްޔެ ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ކަރެކްޝަންސް އިން ވަނީ އެއްވެސް އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައެވެ.
އެނގިފައިވާ ގޮތުގައި ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އާއިލާގެ އެއްވެސް މީހަކަށް އޭނާއާ ބައްދަލުކުރަން ނުވަތަ ހާލު ބެލުމަށް ވަނުމުގެ ފުރުސަތެއް ވެސް އަދި ދީފައެއް ނުވެއެވެ.
އަނިޔާވި ގައިދީއާއި ގާތް މީހަކު މައުލޫމާތު ދިން ގޮތުގައި އޭނާއަކީ ކުރީގެ ސަރުކާރުގައި ޖަލަށް ލެވި، ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވަނިކޮށް މިނިވަންވި މީހެކެވެ. ނަމަވެސް އިންތިޚާބަށް ފަހު އޭނާ ކުޑަ ދުވަސްކޮޅެއް ފަހުން އެނބުރި ޖަލަށް ގެންދެވުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާދިސާ ހިނގާފައިވަނީ ޖަލުގެ ހާލަތު އިންތިހާއަށް ގޯސްވެ، ކަންތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މިނިސްޓަރު ވަނީ ޖަލުގެ ހާލަތު ރަނގަޅު ކުރަން ބާރު އަޅަނީ އެމަނިކުފާނަށް ޖަލުގައި ކުރެވުނު ހިތި ތަޖުރިބާތަކުގެ ސަބަބުން ކަމަށެވެ.