Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ނަޝީދުގެ ޖަލު ހުކުމާއި މެދު މާދަމާ ގޮތެއް ނިންމަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މާދަމާ ހުކުމް އިއްވުމަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލާގައި ނަޝީދުގެ މައްޗަށް ވަނީ މީހަކު ރަހީނު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމްކޮށްފައެވެ.

ނަޝީދުގެ މައްސަލަ ރިވިއު ކުރުމަށް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެން އެކަމާއި މެދު ގޮތެއް ނިމެންދެން ނަޝީދުގެ ހުކުމް މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި މައްސަލައިގެ ރިވިއު އަޑުއެހުންތައް ސުޕްރީމް ކޯޓުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާއި ގުޅިގެން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ނަޝީދުވަނީ ރާއްޖެ ވަޑައިގެންފައެވެ. ނަޝީދު ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ބައިވެރިނުވާކަމަށް ވިދާޅުވެފައެވެ.