Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމަށް މާދަމާ ކޮމެޓީއަަށް ފޮނުވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ރުހުމް ހޯދުމަށް މަޖްލިސްގެ ދާއިމީ ކޮމެޓީއަށް ފޮނުވުމަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމު ކުރި މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓަށް އައްޔަން ކުރައްވާފައިވާ 20 ބޭފުޅުންނަށް ރުހުން ދިނުމުގެ ކުރިން އެކަން ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީ އަށް ފޮނުވުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.

ވަޒީރުންނަށް ރުހުން ދޭނީ ދާއިމީ ކޮމެޓީގެ ރިޕޯޓު މަޖްލިސްއަށް ހުށަހެޅުމުން ކޮންމެ ވަޒީރަކަށް ވަކިވަކީން ވޯޓަށް އަަހައިގެންނެވެ.

ވަޒީރުންގެ މަޖިލީހަށް އައްޔަންކޮށްފައިވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ. ރައީސް ސޯލިހުގެ ކެބިނެޓު އެކުލަވާލާފައިވަނީ ގުޅިފައިވާ ހަތަރު ލީޑަރުން ފޮނުއްވި ނަންތަކުގެ މައްޗަށެވެ.

އެެގޮތުން އެކުލަވާލެވުނު ވަޒީރުންގެ ތެރޭގައި ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނުނު މަލީހު ޖަމާލު އާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްްވި އަބްދުﷲ އަމީން ހިމެނިފައިވާ އިރު މަޖްލިސްގެ ރައީސް އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަބަލުން އައިޝަތު ނަހުލާއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.