Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ދެ ނާޒިމްގެ މައްސަލަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ފަށަނީ

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އަދި ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަށް އިއްވާފައިވާ ޖަލު ހުކުމް ރިވިއުކުރުމުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އަންނަ އަންގާރަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

ކާނަލް ނާޒިމަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނުގެ އެޕާޓްމަންޓު ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެގެންނެވެ. އަހުމަދު ނާޒިމްގެ މައްޗަށް މަކަރާ ހީލަތުގެ ދައުވާ ސާބިތުވެ ކޯޓުން ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ދެބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް ވަގުތީގޮތުން ދެބޭފުޅުން މިނިވަން ކޮށްފައެވެ. ނަމަވެސް މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބަލައިގަނެ އަޑުއެހުންތައް ފަށަން ތައްޔާރުވީ ދެބޭފުޅުންނަށް އިއްވި ހުކުމަކީ ސިޔާސީ ނުފޫޒު ވަދެފައިވާ ހުކުމް ކަމަށް ބުނެ އެކަން ބަލާދިނުމަށް އެދުމުންނެވެ.

ޖަލު ހުކުމް ސާބިތުވެފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ގެ މައްސަލަ ސުޕްރީމް ކޯޓުން ރިވިއު ކުރުމަށް ފަހު ވަނީ ހުކުމް ބާތިލުކޮށްފައެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި މާދަމާ ހުކުމް އިއްވަން ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.