Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ޓްވީޓަކުން ކުޑަކުދިންގެ ބަގީޗާ ހުޅުވާ ގަޑި އިތުރުކޮށްފި

ކުޑަކުދިންގެ ބަގީޗާ ހުޅުވާ ގަޑި އިތުރުކުރުމަށް ޑިފެންސް. މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ޓްވިޓާ މެދުވެރިކޮށް އަމިއްލަ ފަރާތަކުން އެދުނު އެދުން ގަބޫލްކޮށް ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ގަޑި އިތުރުކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެލުމުގެ ދަށުގައި އޮންނަ ކުޑަކުދިންގެ ބަގީޗާ މިހާރު ހުޅުވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:30އަށެވެ.

ނައިބްތުއްތު ނަމުގައި ޓްވިޓާ ހެންޑުލް ގެންގުޅޭ މީހަކު މިނިސްޓަރ މާރިޔާ ޓެގްކޮށް ބުނެފައިވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ބަގީޗާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުޑަކުދިންނަށް ހިފޭނެ ގޮތެއް ހެދުމަށް، ހުޅުވާފައި ބަހައްޓާ ވަގުތު އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު އެތަން ހުޅުވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:30އަށް ކަމަށެވެ.

ނައިބުތުއްތު އަށް ޖަވާބު ދެއްވަމުން މިރޭ މާރިޔާ ވިދާޅުވީ ސްކޫލް ބަންދު ދުވަސްތަކުގައި ހެނދުނު 7:00 އިން ހެނދުނު 10:00 އަށް ކުދަކުދިންގެ ބަގީޗާ ހުޅުވާނެ އެވެ. އަދި އަސުރު ނަމާދަށް ފަހު ހުޅުވާ ގޮތަށް، މަޣުރިބު ނަމާދުގެ ބަންގިއާ ހަމައަށް އެ ތަން ހުޅުވާފައި ހުންނާނެ ކަމަށެވެ.

ބަގީޗާ ހުޅުވާ ގަޑި އިތުރުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެ ނިންމެވުމަށް މަރުހަބާ ކިޔާފައެވެ.