Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އެމްއާރުއެމް މިނިސްޓަރުންނަށް މައުމޫންގެ ނަސޭހަތްޕުޅެއް

ކޯލިޝަން ފެށިގެން އައިއިރު ރައީސް މައުމޫނާއި އިބޫ ޖަލްސާއެއްގައި: ފޮޓޯ - މިހާރު

އިދިކޮޅު އިއްތިހާދުގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓުގެ ސްލޮޓުގައި ކެބިނެޓަށް އައްޔަން ކުރެވުނު މިނިސްޓަރުންނަށް ރައީސް މައުމޫން އަބްދުލްޤައްޔޫމް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މިނިސްޓަރުންނަށް މައުމޫން ފޮނުއްވި މެސެޖުގައި ވަނީ މިނިސްޓްރީގެ މުވައްޒަފުންނަށް ނަމޫނާވެ ވަޑައިގެންނެވުމުގެ އިތުރުން ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވައި ރައީސުލް ޖުމުހޫރިއްޔާއަށް އަބަދުވެސް ވަފާތެރިވެ އިޚުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށެވެ.

އަދި ސަރުކާރަށް ނުވަތަ އެމްއާރްއެމްއަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް މިނިސްޓަރަކު ނުކުރެއްވުމަށް މައުމޫން އިލްތިމާސު ކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިއްބަވައި، ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި އާންމުން ޚިޔާލު ހޯއްދަވައިގެން މަސައްކަތް ކުރެއްވުމަށް ވެސް މައުމޫން އެމަނިކުފާނުގެ ތާއީދާއެކު ގެނެވުނު މިނިސްޓަރުންނަށް އިލްތިމާސު ކުރެއްވިއެވެ.

ރައީސް މައުމޫން، އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމުން އެމަނިކުފާނު ޖަލަށް ލެވި އަށް މަސް ދުވަހު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ.

ނަމަވެސް މައުމޫން ވަނީ ސާބިތުކަންމަތީ އިއްތިހާދުގައި ދެމި ހުންނަވާފައެވެ. މައުމޫންގެ ފަރާތުން އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބޫ ސޯލިހްއަށް ކެމްޕޭނު ކުރެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިއެވެ.