ދިވެހި ސަރުކާރަށް ދިމާވެފައިވާ މާލީ ނުތަނަވަސްކަމުން އަރައިގަތުމަށް އަވަށްޓެރި އިންޑިޔާއިން 350 މިލިއަން ޑޮލަރުގެ އެހީއަކަށް އެދުމަށް ނިންމައިފިއެވެ.
ރައީސްގެ ޚާއްސަ މިނިސްޓަރުންގެ ވަފުދެއް މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އާސަރުކާރުގެ ބަޖެޓު ދެކޮޅު ޖެއްސުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަދި އެވާހަކަ އިންޑިޔާ ބޮޑުވަޒީރު، ނަރެންދްރަ މޯދީ މިމަހުގެ 17 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ވެސް ދެންނެވި ކަމަށާއި މިއަދު އިންޑިޔާ ޚާރިޖީ ވަޒީރާ ބައްދަލުކޮށް އެވާހަކަ ދަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ރާއްޖެއަށް ދިމާވެފައިވާ އަޑިގަނޑުން އަރައިގަތުމަށް އިންޑިޔާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިންޑިޔާގެ އިތުރުން މެދުއިރުމަތިން ސައުދީ އަދި ޔޫއޭއީ އާއި ޗައިނާއަށް ވެސް ރައީސްގެ ވަފުދު ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ފޮރިން މިނިސްޓަރ ޝާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރް ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.