ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް މައުމޫނަށް ދަންނަވައި އެމަނިކުފާނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މައުމޫން ވިދާޅުވެއްޖެއެވެ.
ރޭ މުސްތަފާ އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު އޭނާ ވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު އެމްޑީޕީ ޓިކެޓުގައި ކާމިޔާބު ކުރެއްވުމަށް ފަހު މަޖިލިސް ނުފެށެނީސް ޕީޕީއެމަށް ބަދަލުވެފައެވެ. އަދި ޕީޕީއެމް ތެރެއިން ރައީސް ޔާމީންގެ ސިޔާސަތުތައް ކަމު ނުގޮސް، އެކަމަށް ފާޅުގައި އެންމެ ފުރަތަމަ ފާޑުކިޔަން ފެއްޓެވި މެމްބަރަކީ ވެސް މުސްތަފާއެވެ.
އޭނާ ވަނީ މައުމޫން، ޔާމީންގެ ފަޅި ދޫކުރެއްވުމުން މައުމޫން ފަޅިއަށް އަރާވަޑައިގެން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވާފައެވެ. ޕީޕީއެމުން ވަކިކޮށް ގޮނޑި ގެއްލުނު މެމްބަރުންގެ ތެރޭގައި މުސްތަފާ ވެސް ހިމެނެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފައެވެ.