ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ރަސްމީ ކާރުކޮޅު ޕާކުކުރުމަށް ހަމަޖައްސާފައިވާ ދާއިމީ ޕާކިން ސްޕޭސް އެމަނިކުފާނު ދޫކޮށްލައްވައިފިއެވެ.
މިނިސްޓަރަށް ސަރުކާރުން ހަމަޖައްސައި ދެއްވި ޕާކިން ސްޕޭސް ދޫކޮށްލެއްވީ އޭގެ ސަބަބުން އަވަށްޓެރިން ޕާކުކުރަން ތަކުލީފު އުފުލަން ޖެހި އެ ޝަކުވާ މިނިސްޓަރަށް ދެންނެވުމުންނެވެ.
ޓުވީޓަކުން ޝަކުވާ އާންމު ރައްޔިތަކު ދެންނެވުމުން މަހްލޫފް ވަނީ އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެންނެވީތީ ޝުކުރު އަދާ ކުރައްވާ ކަމަށާއި ހައުސިން މިނިސްޓްރީއަށް ދަންނަވައިގެން އެ ޕާކިން ސްޕޭސް ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.
މަހްލޫފް ވިދާޅުވީ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތީ ޓައި އަޅައިގެން މިނިސްޓަރުގެ ލަގަބު ޖެއްސެވުމަށް ނޫން ކަމަށާއި ބޭނުންވަނީ ރައްޔިތުންނާއި ގުޅިގެން ކުޅިވަރާއި މުޖުތަމައު ހެޔޮ ފާލަކަށް ގެނައުމަށް ކަމަށެވެ. މަހްލޫފްގެ މި ނަމޫނާ އަމަލަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.