Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

އަހިވައް: ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރޭ

އަހިވައް މިއީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ. އަހިވަކުގައި ހުންނަ ވަހުގެ ސަބަބުން ގިނަ މީހުންނަށް މިއީ މީރު މޭވާއަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް މަދުން ނަމަވެސް ދިވެހިން މި މޭވާ ކައި އުޅެއެވެ. އަހިވަކުގައި ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވެއެވެ.

ހަވާއީ ޔުނިވަސިޓީގެ ރިޕޯޓެއް ބުނާގޮތުގައި އަހިވަކުގެ 100 ގުރާމުން ދުވާލަކަށް މީހަކަށް ބޭނުންވާ ފައިބަރުގެ 55 އިންސައްތަ ފޯރުކޮށް ދެއެވެ. މިއީ ސަރުބީ އަދި ތެޔޮ މަދު މޭވާ އެކެވެ. ޕްރޮޓީން ހިމެނެނީ ދުވާލަކަށް ބޭނުންވާ މިންވަރުގެ 12 އިންސައްތަ އެވެ. އަހިވަކުގައި ހިމެނޭ އެހެން ބައެއް މާއްދާ ތަކުގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން ބީގެ ވައްތަރުތައް، ޕޮޓޭސިއަމް، ކެލްސިއަމް، ސޯޑިއަމް، ދަގަނޑު، އަދި ވިޓަމިން އޭ ހިމެނެއެވެ.

ހޯދިފައިވާ ގޮތުގައި އަހިވައް ފަނި ބޭނުންކުރުމަކީ ކެންސަރު އުފެދުމާއި ދެކޮޅަށް މަސައްކަތްކުރާ ކަމެކެވެ. އަހިވަކުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން، އަހިވައް ފަނި ބޭނުންކުރުމުން ކެންސަރުގެ ސެލްތައް އުފެދުމުން ރައްކާތެރި ކޮށް ދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ޖަނަވާރުތައް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން އަހިވަކުގައި ޓިއުމަރާއި ކެންސަރާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު އެކުލެވިގެންވާ ކަމަށް ވެސް ސިއްޙަތާއިބެހޭ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަހިވަކުގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުންނަނީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތައް ކަމުގައިވާ ކެރޮޓިނޮއިޑް، އަދި ބަޔޯފްލޭވޮނޮއިޑް ތަކުގެ ސަބަބުންނެވެ. އެގޮތުން ހުންނަ "އެންތްރަކިނޯން" އަދި "ސްކޮޕޯލެޓީން" އަކީ ފާހަގަކުރެވޭ ދެ އެންޓި އޮކްސިޑެންޓް އެވެ. މިއީ ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވައި، އަދި ކެންސަރުގެ ސެލްތައް ހަށިގަނޑަށް ފެތުރުވުން ހުއްޓުވުމުގައި ދައުރެއްކުޅޭ މާއްދާ ތަކެއްކަންވަނީ ހޯދިފައެވެ.

އަހިވައް ޖޫސް ކަނޑައިގެން ގޮސްފައި ހުންނަ ތަންތަން އަދި ހަށިގަނޑުގައި ހެދިފައި ހުންނަ ފާރުގަނޑުތަކުގައި ޖެހުމުން އެތަންތަނުގައި ހުންނަ ޖަރާސީމުގެ އަސަރ ދުއްވާލައެވެ. ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ޚާއްޞިއްޔަތު އަހިވަކަށް ލިބެނީ އޭގައި ހިމެނޭ އެންތްރަކިނޯން ގެ ސަބަބުންނެވެ. އަހިވަކުގައި ހުންތިރިކޮށްދިނުމުގެ ގާބިލްކަން ވެސް ހުރެއެވެ. އެހެންކަމުން ޖަރާސީމް މަރާ ބޭސް އަދި ހުންތިރިކުރާ ބޭސް ބޭނުންކުރުމުގެ ބަދަލުގައި ގޭގައި އަހިވައް ބޭނުންކުރެވިދާނެ ކަމަށް ބުނެއެވެ.

އަހިވަކުގައި ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އަދި ދިފާޢީބާރު ރަގަޅުކުރުމުގެ ހާސިއްޔަތު ހުރެއެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަހިވަކުގައި ތަދުކެނޑުވުމުގެ ބައި ހުރެއެވެ. މިދިރާސާ ހެދި ފަރާތްތަކުން ބުނެފައިވަނީ އަހިވަކުގެ އެކްސްޓްރެކްޓް އަކީ ތަދުކަނޑުވައިދީ، ހުޅުދުޅަވުމުގެ ބަލިތައް ޖެހުމުން ހުޅު ހަލާކުވާ މިންވަރު ދަށްކޮށްދޭ އެއްޗެއް ކަމުގައެވެ. އެހެން ދިރާސާއެއްގައި ބުނެފައިވަނީ މީދަލަށް އަހިވައް ޖޫސް ދިނުމުން އޭގެ ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުވެފައިވާ ކަމަށް ފާހަގަވާ ކުރެވުނު ކަމަށެވެ. އެހެންކަމުން މިއީ ތަފާތު ބަލިތައް ޖެހިފައިވާ މީހުންނާއި، ދިގުމުއްދަތަށް ބަލިވުމުގެ ސަބަބުން ދިފާޢީ ބާރު ދަށްވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ.

އަހިވަކުން ހަންގަނޑަށް ވަރަށް ފައިދާ ކުރެއެވެ. އަހިވައް ފުރަތަމަ ފާހަގަވެގެން ދިޔައީ ހަމުގެ ބަލިތަކަށް ފަރުވާކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން އަހިވައް ގަހުގެ ބައިތައް ކަމުގައިވާ އަހިވައް، ފަތް، ތޮށި،މާ، މޫ، ފަދަ ބައިތައް ބޭނުންކޮށްގެން ފާރުގަނޑު، އެތެރޭގައި ހެދޭ ފާރު، މުލިހި، ދިއްގޮނޑި، އަނގައިގެ ފާރު، ފަންގަސްގެ ޖަރާސީމް އެޅުން، ދަދު، ބޮލުގެ ހަމުގެ ބަލިތަކަށް ފަރުވާކޮށްފައި ވެއެވެ. މީގެ އިތުރުން އަހިވައް ޖޫހަކީ ޝޭމްޕޫ އެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި އެގޮތަށް ބޭނުންކުރުމުން އިސްތަށިތައް ވަރުގަދަވެ، ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދެއެވެ.

އަހިވައް ޖޫހުގައި ދިފާޢީ ބާރު ރަގަޅުކޮށްދޭ ޚާއްޞިއްޔަތެއް ހުރެއެވެ. ދިރާސާތައް ބުނާގޮތުގައި ގަވާޢިދުން އަހިވައް ފަނި ބުއިމަކީ ލޭގެ ހުދު ސެލްތައް އުފެއްދުން އިތުރުކޮށް ރަގަޅުކޮށްދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބަލިތަކުން ދިފާޢުވުމުގެ ބާރު އުފެދެއެވެ. މީގެ އިތުރުން ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް އަހިވައް ފަނީގައި ބައެއް ހާލަތްތަކާއި ގުޅިގެން ހުރެއެވެ. އެގޮތުން ހުޅުތައް ދުޅަވުމާއި، ގައުޓް، މުލިހި، ބުރަކަށީގައި ރިހުން، އަދި އުރަމަތި ދުޅަވެދޮސްގަތުން ފަދަ ޙާލަތްތަކުގައި މިބުނި ބާރު މަސައްކަތް ކުރެއެވެ.

ނޭވާލާ ނިޒާމަށް ޖެހޭ އާންމު ބަލިތައް ކަމަށްވާ، އަރިދަފުސް ރޯގާ، ކެއްސުމާއި ކަރުތެރެ ހަލާކުވުން، އެލާރޖީ، އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް އަހިވައް ބޭނުންކޮށްގެން ލުއިކަން ހޯދައިދެވިދާނެއެވެ.

ގަވާއިދުން އަހިވައް ފަނި ބުއިމަކީ ހަޖަމުކުރުން ރަގަޅުކޮށްދޭ ކަމެކެވެ. މިކަން މިގޮތަށް ހިނގަނީ އަހިވަކުން ހަޖަމުކުރުމުގައި ބައިވެރިވާ ދިޔަތައް މައިދާ އަދި ގޮހޮރަށް ދޫކުރާތީއެވެ. އަދި ފިތުން ބައިލް ދައުރުވުމަށް ބާރުއަޅާތީއެވެ. އަދި މީގެ އިތުރުން ގޮހޮރުގެ ހަރަކާތް އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދާތީއެވެ.

މީގެ އިތުރުން ވެސް ހަޖަމުކުރުމުގެ ނިޒާމާއި ގުޅުންހުރި މައްސަލަތައް ކަމުގައިވާ، ބަނޑުހިކުން، ބޭރަށްހިންގުން، މޭނުބައިކުރުން، ހޮނޑުލެވުން، ގޮހޮރުގެ ފާރު، ކާނާއަށް ވިހަވުން، ބަނޑުގައި ރިހުން، އަދި ޑިސެންޓްރީ ފަދަ ބޭރަށް ހިންގުމުގެ ވައްތަރު ތަކަށް ފަރުވާކުރުމަށް ވެސް އަހިވަކުގެ ބޭނުން ހިފައެވެ. އަދި މިއީ ގޮހޮރުގައި ހުންނަ ޕެރަސައިޓް ތައް މަރާލާ އެއްޗެކެވެ. ރީނދޫވުމާއި، ފުރަމޭގެ ބަލިތަކުގައި ވެސް އަހިވައް ބޭނުންކުރެއެވެ.

އަހިވަކުގައި ހިމެނޭ "ސްކޮޕޯލެޓީން" އަކީ ލޭމައްޗަށްދިއުން، ވިންދު އަވަސްވުން، ވިންދު ތަރުތީބު ގެއްލުން، އަދި އެހެނިހެން ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކަށް ފަރުވާކުރުމަށް ބޭނުންތެރި މާއްދާ އެކެވެ. މިއީ ލޭހޮޅިތައް ފުޅާކޮށްލުމުގެ ބާރު ލިބިފައިވާ މާއްދާ އަކަށްވުމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރި ވެއެވެ.

އަހިވައް ފަނި ބޭނުންކުރުމަކީ އޮޕަރޭޝަންކުރުމުން އަދި ވިހެއުމުން އުފެދޭ ތަދު ލުއިކޮށްދޭ ކަމެކެވެ. "ސިންގަލްސް" ފަދަ ބަލިތަކުގެ ސަބަބުން ނާރަށް ގެއްލުންވެ އުފެދޭ ތަދު ކުޑަކުރުމަށް ވެސް އެހީތެރިވެދެއެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަހިވައް ފަނި ބުއިމަކީ ސިކުނޑީގައި ހުންނަ "ސިރަޓޮނިން" ގެ ރިސެޕްޓަރ ތައް ހީވާގިކޮށް ހަރަކާތްތެރި ކުރުވާ ކަމެކެވެ. ސިރޮޓޮނިން އަކީ ނިދުން ވަކި އިންތިޒާމަކުން ގެންދިއުމަށް އެހީތެރިވެދީ، މާޔޫސްކަމާއި، ހާސްވެ ކަންބޮޑުވުން، ބޮލުގައި ރިހުމާއި، ބޮލުގެ އެއްފަޅީގައި ރިހުން ފަދަ ކަންތައްތަކަށް ލުއިކަން ގެނެސްދޭ މާއްދާ އެކެވެ. އަދި ހަދާނުގެ ބަޔަށް އަސަރުކުރާ އެލްޒެއިމާ ބަލީގެ އުދަގޫތައް ކުޑަކޮށްދޭ ކަމެކެވެ. އަދި ތުރުތުރުއަޅާ ބަލީގެ ސަބަބުން މެދުވެރިވާ ތުރުތުރު އެޅުމުގެ މައްސަލަ ހައްލުކޮށްދޭ ކަމެކެވެ.

ދިރާސާއެއް ހެދުމަށް، މަހެއްވަންދެން ކޮންމެ ދުވަހަކު އަހިވައް ފަނި ބުއިމުން ފާހަގަވެފައި ގޮތުގައި އެމީހުންގެ ހަށިގަނޑުގައި ސަރުބީގެ މިންވަރުހުރީ ދަށްވެފައެވެ. ދިރާސާކުރި ފަރާތުން އެކަން ކޮށްފައިވަނީ އަމިއްލައަށް އެކަން ތަޖުރިބާ ކުރުމަށް ފަހުގައެވެ.

ސަމާލުކަމަށް : އަހިވަކުގައި ޞިއްޙީ އެތައް ފައިދާތަކެއްވި ނަމަވެސް ގިނައަދަދަކަށް އެއްފަހަރާ ބޭނުންކުރުމުން ގެއްލުންވުމަކީ ވެދާނެ ކަމެކެވެ. އެގޮތުން ބަނޑުގައިރިހުން، ބޭރަށްހިންގުން، ބަނޑުހިކުން، ވައިބޭރުވުން، މައްސަރުގައި މާގިނައިން ލޭއައުން، ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން އަހިވައް ކެއުމުގައި ސަމާލުވުން މުހިއްމެވެ.

މައުލޫމާތު: ޑރ. ޢަބްދުލް ޢަޒީޒް ޙަމީދުގެ ލިޔުމެއް އަދި އިންޓަނެޓުން