Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން، އެ މައްސަލަ ބަލައި، އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް މިއަދު ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 އަހަރުއެވެ. ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ނަޝީދު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ.

13 އަހަރުގެ ޖަލު ހުކުމެއް ރައީސް ނަޝީދުގެ މައްޗަށް އިއްވީ ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ސާބިތުވުމުންނެވެ.

އެ ހުކުމް ރިވިއު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ރާއްޖޭން ބޭރުގައި ގިނަ ދުވަސްތައް ނަޝީދު ސްރީލަންކާގެ ކޮލަމްބޯގައި ހޭދަ ކުރެއްވުމަށްފަހު، އެމަނިކުފާނުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކުރުމުން، ރާއްޖެ ވަޑައިގެންނެވީ މި މަހުގެ އެއްވަނަ ދުވަހު އެވެ.