Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ރައީސް ސޯލިހު، ޑިސެމްބަރު މަހު އިންޑިޔާއަށް

ރައީސް ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް، އަންނަ މަހު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ރަސްމީކޮށް ރައީސް އޮފީހުން އެކަން އިއުލާން ކޮށްފައިނުވި ނަމަވެސް، އިންޑިޔާގެ ބައެއް ނޫސްތަކުން ވަނީ ރައީސް ސޯލިހް އިންޑިޔާއަށް ޑިސެމްބަރު މަހު ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ފާއިތުވެދިޔަ ފަސް އަހަރު ތެރޭ ދިވެހި ރާއްޖެއާ އިންޑިޔާ އާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރައީސް ސޯލިހް ވަނީ އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އިންޑީޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާގެ ނޫސް ތަކުން އެގައުމަށް ރައީސް ސޯލިހު ވަޑައިގަންނަވާނެކަމަށް ރިޕޯޓުކޮށްފައިވާ އިރު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންފައެވެ.

އިންޑިއާގެ އިސް ބޭފުޅުންނާއި އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން އަނެއްކާވެސް އިތުރުވެގެންދާނެކަމަށެވެ. އަދި ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާ ސަރުކާރަށް ވަނީ އެދިފައެވެ.