Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އެމްޑީޕީގެ ވެރިކަން ވައްޓާލީ އިންސާފުގެ ދަތުރެއްގައި ތިއްބާ: ނަޝީދު

ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރު ބަދަލު ކުރެވުނީ ރާއްޖޭގައި އިންސާފު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާޠިލް ކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލު ކުރީ އިންސާފުގެ ދަތުރުމަތީގައި ތިއްބާކަމަށެވެ.

"…. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އަޅުގަނޑުގެ ސަރުކާރު ބަދަލުކުރެވުނު އިރުގައި އަޅުގަނޑުމެން ތިބީ އިންސާފުގެ މަގުގެ އިންސާފުގެ ދަތުރެއްގައި، އަޅުގަނޑުމެން އޭރު ބޭނުންވެފައި ތިބީ ސުޕްރީމް ކޯޓު، ރާއްޖޭގެ ކޯޓު ތައް އިސްލާހު ކުރަން، ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރަން"

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާ ކުރެވޭނެކަމަށާއި، އެކަމަށް ބޭނުންވާ އިސްލާހުތަކާއި، ގާނޫނުތައް ހެދިގެންދާނެކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައްވެސް ގެނެވޭނެކަމަށެވެ.

ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވަނީ އެމައްސަލަ ބަލައިދިނުމަށް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވީ ސައްހަ އަސާސެއްގެ މައްޗަށް ނޫން ކަމަށާއި މައްސަލަ ސާބިތު ކުރަން ގާނޫނީ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޝަރުއީ އަދި ގާނޫނީ އުސޫލާ އެއްގޮތަށް ނޫން ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.