ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ބާޠިލް ކުރުމާއި ގުޅިގެން އެމަނިކުފާންގެ ޕާސްޕޯޓު އިމިގްރޭޝަނުން އާކުރުމަށްފަހު އެމަނިކުފާނާއި ހަވާލުކޮށްފިއެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއްކޮށްފައި ވަނިކޮށް އެމަނިކުފާން ވަނީ ބޭސްްފަރުވާއަށް ރާއްޖޭންް ބޭރަށް ވަޑައިގެންފައެވެ. އޭރު އެމަނިކުފާން ބޭރަށް ފުރުވާލާފައިވަނީ ދިވެހި ޕާސްޕޯޓުގައެވެ. ނަޝީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވުމާއި އެކު ސަރުކާރުން ވަނީ ޕާސްޕޯޓު ކެންސަލް ކޮށްފައެވެ.
ނަޝީދުވަނީ ޖަލު ހުކުމް ސަލާމަތްވެވަޑައިގަތުމާއި އެކު ފުރަތަމަ ކަމެއްގެ ގޮތުގައި އިމިގްރޭޝަނަށް ވަޑައިގެން ޕާސްޕޯޓާއި ހަވާލުވެވަޑައިގެންފައެވެ.
ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވަނީ އެމައްސަލަ ބަލައިދިނުމަށް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވީ ސައްހަ އަސާސެއްގެ މައްޗަށް ނޫން ކަމަށާއި މައްސަލަ ސާބިތު ކުރަން ގާނޫނީ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޝަރުއީ އަދި ގާނޫނީ އުސޫލާ އެއްގޮތަށް ނޫން ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.