ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު ވަޒީރުންގެ ނަޒާހަތްތެރިކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައުލޫމާތު ހޯދުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު މަޝްވަރާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މެމްބަރު މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފު ވިދާޅުވީ މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވަޒީރުންގެ ނަޒާހަތްތެރިކަން ވީއެންމެ ރަނގަޅަކަށް ބަލަންޖެހޭ ކަމަށެވެ.
އެގޮތުން ވަޒީރުންނާއި ގުޅޭ މައްސަލައެއް އޭސީސީގައި އޮތްތޯ ބެލުމަށް ޝަރީފު މަޝްވަރާ ދެއްވިއެވެ.
ޝަރީފުގެ ހުށަހެޅުމަށް ތާއިދުކުރައްވައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ވަޒީރުންގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތްތަކުން މަގާމާ ހަވާލުވުމާ ހަމައަށް އެއްވެސް ވިޔަފާރިއެއް ކުރައްވާފައިވާނަމަ އެ ކަމާއި ބެހޭ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީން ވެސް ހޯދަން ޖެހޭ ކަމަށެވެ. މީގެއިތުރުން ވަޒީރުންގެ މައުލޫމާތުތައް، ސިއްރު ޑޮކިއުމެންޓެއްގެ ގޮތުގައި ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުށަހަޅަން ޖެހޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.
މިއަދުގެ ކޮމެޓީ މަޝްވަރާގައި ގިނަ މެމްބަރުންވަނީ ވަޒީރުންގެ ނަޒާހަތްތެރިކަން ބެލުމަށް މަޝްވަރާ ދެއްވާފައެވެ.
ރައީސު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 މެމްބަރުންނަށް ރުހުން ދޭނީ ކޮމެޓީ ރިޕޯޓު މަޖްލިސްއަށް ހުށަހަޅައި ވޯޓަށް އަހައިގެންނެވެ.
ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް އާއްމު ރައްޔިތުން ދަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ރޭޓުއެމްވީގައި ނެގި ވޯޓުން 6 ވަޒީރަކަށް ގިނަ ބަޔަކު ވަނީ ނޫނެކޭ ބުނެފައެވެ.