ބޭނުންކުރާ ބަސް މިނިވަން ނުވަނީސް އަޅުގަނޑުމެންނަށް ހަގީގީ މިނިވަންކަން ނުލިބޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގ. އައިނާ އެޑަމް، އާމިނަތު އިބްރާހިމް ލިޔުއްވި "ޕޮލިޓިކަލް އައިޑެންޓިޓީ ޤާއިމް ކުރުމުމުގައި ބަހުގެ ދައުރު" ފޮތް އިފްތިތާހު ކޮށްދެއްވުމަށް ރޭ ގަލޮޅު މަދަރަސާގައި ބޭއްވި ހަފްލާގައި ނަޝީދު ވިދާޅުވީ ދިވެހިންނަށް މިނިވަންކަން ލިބުމަށާއި މިނިވަންކަން ހޯދުމަށް އެންމެ ބޮޑު ކަސްތޮޅެއް އެޅިފައި އޮތީ ދިވެހި ބަހުން ކަމަށެވެ.
"އެބޭނުންކުރާ ބަސްތައް މިނިވަން ނުވަނީ ނަމަ އަޅުގަނޑުމެނަށް މިނިވަންވުމަށް، އަޅުގަނޑަށް އަބަދުވެސް ފެނިފައި އޮންނަނީ އުދަނގޫވާނެ ކަމަށް، ހުދުމުހުތާރުކަން ރައްޔިތުންގެ މައްޗަށް ފެތުރެމުންދާއިރު، އެ ހުދުމުހުތާރުކަން ފެތުރުމަށް ބޭނުންކުރާ އެންމެބޮޑު ވަސީލަތަކީ ހަގީގަތުގައި ބަސް، ބިރުވެރިކަމެއްވެސް ނޫން، އަނިޔާވެރިކަމެއްވެސް ނޫން، އަޅުގަނޑަށް ފެނުނުތާގައި އެންމެ ބޮޑަށް ބޭނުންކުރާ ވަސީލަތަކީ ބަސް"
ނަޝީދު ވިދާޅުވީ ހުދުމުހުތާރުކަން ފެތުރުމަށް އެންމެ ބޮޑަށް ބޭނުންކުރި ވަސީލަތަކީ ބަސްކަމަށާއި، އެކަން އެމަނިކުފާން ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި ތަހްގީގަށް ނެރުއްވާ ވަގުތު އެގިގެންދާ ކަމަށެވެ.
ދިވެހި ބަހަށް ގިނަގުނަ މަސައްކަތްކޮށްދެއްވި އާމިނަތު އިބްރާހިންގެ "ޕޮލިޓިކަލް އައިޑެންޓިޓީ ޤާއިމް ކުރުމުމުގައި ބަހުގެ ދައުރު" ފޮތަކީ 2005 ވަނަ އަހަރުން ފެށިގެން އެކި ސިޔާސީ ބައްދަލުވުންތަކުގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކުގައި ބޭނުން ކުރައްވާފައިވާ ދިވެހި ބަހުގެ މައްޗަށް އަލި އަޅުވާލައި ލިޔުއްވާފައިވާ ފޮތެކެވެ. ފޮތުގައި ދިވެހި ބަހަށް ނަޝީދުގެ ތަގްރީރުތަކުން ލިބިގެން ދިޔަ ކުރިއެރުން ފާހަގަކޮށްފައިވެއެވެ.
ރައީސް ނަޝީދު ފާހަގަކުރެވިފައިވަނީ ރީތި ދިވެހި ބަހުން ތަގްރީރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ، އެގޮތުން ނަޝީދުގެ ބަސްމަގުގައި ހިމެނޭ، ރައްޔިތު މީހާ، ހަލާލު މަސައްކަތުން، އަދި އެކަކު އަނެކަކުގެ ކިބައިން ހިތްވަރުލިބިގެން ފަދަ ބަސް ތަކަކީ ދިވެހިން ފަރިތަ ބަސްތަކަށް ވަނީ ވެފައެވެ.