Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޖަލުގައި އަނިޔާ ކުރުމުން އިމްރާން ދެފަހަރު ހޭ ނެތުނު: އާއިލާ

ޖަލުގައި އަނިޔާކޮށަްފައިވާ އަލީ އިމްރާން

މާފުށީ ޖަލުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަނިޔާކުރި ހިތަދޫ ފިނިއުނިމާގެ، އަލީ އިމްރާން ދެ ފަހަރު މަތިން ހޭ ނެތުނު ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އަލީ އިމްރާންއަށް އަނިޔާކޮށްފައިވަނީ ޖަލު ބަލަހައްޓާ އޮފިސަރުންކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. އިމްރާންއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭނާއަށް ބޮޑެތި އަނިޔާކޮށްފައިވާ ކަމުގެ ނިޝާން ފެންނަން ހުރިކަމަށް އާއިލާއިން ބުނެއެވެ.

އިމްރާންގެ އާއިލާގެ މެމްބަރަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ ޖަލުގައި އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ދެ ފަހަރު ހޭނެތުނު ކަމަށާއި، ހޮސްޕިޓަލަށް ގެނައިއިރުވެސް ހާލު ދެރަކަމަށެވެ.

އައިޖީއެމްއެޗްގައި އިމްރާންއަށް ފަރުވާދެމުންދާ އިރު އޭނާ ބެލުމަށް އާއިލާ މީހުން ވަންނަ އިރު ފޯނު ނުވެއްދޭނެކަމަށް ކަރެކްޝަނުގެ މުވައްޒަފުން އަންގާކަމަށެވެ. އަދި އެގޮތަށް އަންގަނީ ފޮޓޯ ނެގިޔަ ނުދޭންކަމަށެވެ.

އަލީ އިމްރާންއަށް ޖަލުގައި އަނިޔާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖަލުގެ ކަންކަން އިސްލާހު ކުރާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ. ޖަލުގެ ކަންކަން ހުރީ ވަރަށް ދޯދިޔާކޮށްކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު އާއި އިމްރާން ވަނީ ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ޖަލަށް ވަޑައިގެންފައެވެ.

އަލީ އިމްރާންއަށް ޖަލުގައި ހަމަލާދިން މައްސަލާގައި މިހާތަނަށް ސަރުކާރުން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވެއެވެ. ކަރަޕްޝަނާއި، އަނިޔާ އާއި ބޭއިންސާފާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖަލުގައި މީހަކަށް އަނިޔާ ކުރެވިފައިވާ އިރު އެގައިދީއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާ އިރުވެސް އެވާހަކަ ނުދައްކާތީ ބައެއް އާއްމު ރައްޔިތުންނާއި އަލީ އިމްރާންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.