ޚަބަރު

ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ނާކާމިޔާބީގެ ޒިއްމާ އާމިރު ޚާން ނަގައިފި

އާމިރު ޚާން، އަމީތާބް ބައްޗަން އަދި ކެޓްރީނާ ކެއިފްގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ބޮކްސް އޮފީހުގައި ލިބުނު ނާކާމިޔާބީގެ ޒިއްމާ އާމިރު ޚާން ނަގައިފިއެވެ.

ގާތްގަނޑަކަށް ދެއަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މިފިލްމަށް އެންމެން އުއްމީދު ކުރި ނަމަވެސް، ފިލްމު ރިޒީލް ކުރި ފުރަތަމަ ދުވަހުން ފެށިގެން ވެސް ބެލުންތެރިން މިފިލްމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ފިލްމާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ފިލްމު ވިއްކުމުގެ މަސައްކަތުގައި އުޅުނު އެގްސިބިޓާރސް ވަނީ ފިލްމު ހެދި ފަރާތް ތަކުން ފައިސާ އަނބުރާ ހޯދުމަށް އެދިފައެވެ. މިކަމާއި ގުޅިގެން އާމިރު ޚާން ވަނީ މީޑިއާގެ ކުރިމައްޗަށް ނިކުމެ، ފިލްމު ޓީމްގެ ފަރާތުން ކޮންމެވެސް ގޯހެއް ހެދިފައި ވާކަމަށް އެއްބަސްވެފައެވެ.

އާމިރުގެ ފޭން ޕޭޖުގައި ޝެއަރ ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ، " އަހަންނަށް ހީވާގޮތުން އަހަރެމެންގެ ޓީމުގެ ފަރާތުން ވަނީ ކޮންމެވެސް ގޯހެއް ހެދިފަ. އެކަމަކު ވެސް އޭގެ ފުރިހަމަ ޒިއްމާ އަހަރެން ނަގަން. އަހަރެމެންގެ ފަރާތުން އެންމެ ފުރިހަމައަށް މަސައްކަތް ވެފައިވީ ނަމަވެސް، ކޮންމެވެސް ހިސާބެއްގައި ވަނީ ކުޑަ ނަމަވެސް ގޯހެއް ހެދިފަ. ބެލުންތެރިންގެ ވަރަށް މަދު އިންސައްތައެއް ނަމަވެސް ފިލްމު ކަމުދިޔަ މީހުން ތިބިކަމުން އެހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" މިހެންނެވެ.

މީގެ އިތުރުން އާމިރު ވަނީ ބެލުންތެރިންގެ އުއްމީދާއި އެއްގޮތަށް ފިލްމު ހެދިފައި ނުވާތީ މައާފަށް އެދިފައެވެ. އަދި އޭނާބުނެފައި ވަނީ ގިނަ އަދަދެއްގެ މީހުންނަށް ފިލްމު ކަމުނުދިޔުމުގެ ސަބަބުން އޭނާ އިންތިހާއަށް ހިތާމަ ކުރާކަމަށެވެ.