Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ސޯލިހުގެ ވެރިކަމަށް 11 ދުވަސް: އަދިވެސް ކައުންސިލަށް ބާރު ނުލިބޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ އެންމެ ބޮޑު އެއް ވައުދަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިދޭ ބާރު އަނބުރާ ކައުންސިލަށް ދޫކޮށްލައްވާނެ ވައުދެވެ. ރައީސް އަބްދުﷲ ޔާމީން ހިފެހެއްޓި ހުރިހާ ބާރެއް އަލުން ކައުންސިލްތަކަށް ދޫކޮށްލަވާނެ ވައުދެވެ. ކައުންސިލްތަކަށް ފުރިހަމަ ބާރުދީ ކައުންސިލް ބާރުވެރިކުރުވާނެ ވައުދެވެ.

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލް ޖުމްހުރިއްޔާ ކަމުގެ ހުވާ ކުރައްވައި ދެއްވި ހިޠާބުގައި ރައީސް ސޯލިހު ވިދާޅުވީ ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ދީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް ހައްދަވާނެކަމަށެވެ.

ސޯލިހު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީވެސް އެ އުސޫލުން ކައުންސިލްތައް ބާރުދިގެން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ފުރަތަމަ ބާރު ކަނޑުވާލީ ސިޓީ ކައުންސިލްތަކުގެއެވެ. ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދިޔަ ހިދްމަތް ހުއްޓުވީ ގާނޫނަށް އިސްލާހު ހުށަހަޅައި ސީދާ ރައީސްގެ ހާއްސަ އެންގުމަކުންނެވެ.

2015 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހާއި ގުޅިގެން ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ދެވޭ ހިދްމަަތްތަކަށް ބަދަލު ގެނެސް ރައީސުލް ޖުމްހުރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުގެ ތެރެއިންނާއި އެގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ސިޓީ ކައުންުސިލުން ދޭ ހިދްމަތްތައް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހާއި މަޝްވަރާކޮށް ކައުންސިލުން ދެމުން ދިޔަ ހިދްމަތްތައް އެކި މިނިސްޓްރީ ތަކަށް ބަދަލުކުރިއެވެ.

ކައުންސިލްގެ ބާރު ކަނޑުވާލީ ރައީސް ޔާމީންގެ ސިޓީއަކުން

 

ލާމަރުކަޒީ ގާނޫނަށް ގެނައި 3 ވަނަ އިސްލާހާއި އެކު ކައުންސިލްގެ ބާރު ކަނޑުވާލައި އެބާރު މިނިސްޓްރީތަކަށްދީފައިވަނީ ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން ކައުންސިލަށް ފޮނުވާފައިވާ ސިޓީންނެވެ.

2016 މޭއި މަހުގެ 11 ވަނަ ދުވަހު ކައުންސިލުން ދެމުން ދިޔަ ހިދްމަތްތައް އެކި މިނިސްޓްރީތަކަށް ބަދަލުކޮށްފައިވަނީ ރައީސު އޮފީހުން ފޮނުއްވި ސިޓީ އަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދިޔަ ވިހާ މަރުވާ ބެލެހެއްޓުމާއި، އަތޮޅުގައި ރައްވެހިވެފައިވާ މީހުންނާއި، ރަށްވެހި ނުވެ ދިރިއުޅެމުން ދިޔަ މީހުންގެ އިތުރުން ބިންތަކާއި، ޕާކްތަކާއި މަގު ބެލެހެއްޓުމާއި މިފަދަ އެތައް ކަމެއް ހައުސިން މިނިސްޓްރީން އުފައްދާ އޮފީހަށް ބަދަލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލަށް އަންގާފައިވަނީ 3 ޖުލައި 2018 ގައި ރައިސު އޮފީހުންނެވެ.

ސިޓީ ކައުންސިލުގެ ހުރިހާ ބާރެއް ރައީސުލް ޖުމްހުރިއްޔާގެ އެންގުމަށް ނަގާފައިވާއިރު އަދިވެސް އޭގެ ތެރެއިން އެއްވެސް ބާރެއް އަނބުރާ ކައުންސިލަށް ލިބިފައި ނުވެއެވެ.

 

ކައުންސިލަށް ބާރު ނުލިބުމުން ގިނަ ހިދްމަތް މަޑު ޖެހިފައި!

 

ރައިސް ޔާމީންގެ ސަރުކާރުން ކައުންސިލްގެ ބާރު ކަނޑުވާލައި ގިނަ މަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީ އާއިއެވެ. ހައުސިން މިނިސްޓްރީއަށް ބާރު ދިނުމުން އައްޑޫގައި ހައުސިން ލޭންޑު އެންޑު މުނިސިޕަލް ސާވިސް އުފެއްދިއެވެ. އަދި ރައީސް އޮފީހުގެ އެންގުމަށް ކައުންސިލުގައި ހުރި ހައުސިން އާއި ގުޅޭ މުދަލާއި، ވެހިކަލް އަދި މުވައްޒަފުންނާއި ލިޔެކިއުން ލޭންޑު އެންޑު މުނިސިޕަލް ސަވިސްގެ ދަށައް ބަދަލުކޮށް އެެތަން ހިންގަން ސިޔާސީ ވެރިން ލެއްވިއެވެ.

މުނިސިޕަލް ގިނަ ހިދްމަތް ދެމުންދިޔައީ މި އޮފީހުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމި އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވުމުން މި އޮފީސް ވަނީ ހުއްޓިފައެވެ. މިތަނުގެ ހިންގުން ހައުސިން އެންޑު އާބަން ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށައް ބަދަލު ކުރެވިފައިވާ އިރު މަސައްކަތް އޮތީ ހުއްޓިފައެވެ.

ފާއިތުވި 10 ދުވަހުގެ ތެރޭގައި ކައުންސިލަށް ބާރު ނުލިބި، މިނިސްޓްރީގެ ދަށުން ލޭންޑު މުނިސިޕަލް ސާވިސް ނުހިންގުމުގެ ސަބަބުން މަގުތައް ނުބެލެހެއްޓި އެތައް ކަމެއް ވަނީ މަޑު ޖެހިފައެވެ.

ރައީސް ސޯލިހު ހުވާ ކުރެއްްވުމާއި އެކު އައްޑޫ ސިޓީ ކައުންސިލުން ރައީސް ސޯލިހު އާއި ބައްދަލު ކުރައްވައި ކަންބޮޑުވުން ހިއްސާ ކުރެއްވިއެވެ. ކަމާއި ގުޅުން ހުރި 11 މިނިސްޓްރީއަކަށް ވަޑައިގެން ރައްޔިތުންނަށް ހިދްމަތް ނުދެވޭކަން ހަނދާން ކޮށްދެއްވިއެވެ.

ނަމަވެސް ވެރިކަމުގެ 11 ދުވަސް ވެގެންދާއިރު ރައީސް ސޯލިހަށް ރައިސް ޔާމީން ސިޓީއަކުން ނެންގެވި ބާރުތައް އަނބުރާ ކައުންސިލާއި ހަވާލު ނުކުރެވެއެވެ.

އަޑުއިވޭ ގޮތުގައި ކައުންސިލަށް ބާރު ދެއްވުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް މަޖްލިސްއަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް ސުވާލަކީ މިހާރު ހިފަހައްޓާފައިވާ ބާރުތައް ރައީސް ސޯލިހަށް ދޫނުކޮށްލެވި ލަސްވަނި ކޮން ސަބަބަކާއި ގުޅިގެންތޯއެވެ. ސިޓީ އަކުން ރައީސް ޔާމީން ނެންގެވި ބާރު ރައީސް ސޯލިހުގެ ސިޓީއަކުން އަނބުރާ ނުދެއްވެވޭނެތޯއެވެ. ނޫނީ އެކަމުގައި އެމަނިކުފާނަށް މަޖްބޫރީ ކަމެއް އޮތީތޯއެވެ.

އާ ސަރުކާރާއި އެކު އައްޑޫ ރައްޔިތުން ބޭނުންވިު ލަނޑު ދަނޑި ހާސިލު ކުރެވޭ މަންޒަަރެއް އަދި ނުފެނެއެވެ. މިހާތަނަށް ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫ އާއި މެދު ފެންނަނީ ފަހަތު ފަޔަށް ބުރަވާ ތަނެވެ. ފުރަތަމަ 100 ދުވަހުގެ 10 ޕަސެންޓު ނިމުނުއިރު އައްޑޫއަށް ލިބުނު ކުރިއެރުމެއް ނެތެވެ.

ސުވާލަކީ ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫ ކައުންސިލަށް އަވަސް މުސްތަގްބަލެއްގައި ބާރު ދޭނެތޯއެވެ.