Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރާއްޖޭގައި މަރުގެ އަދަބު ނުދޭނެ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އޮތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. އަދި އދ. ގެ މަރުގެ އަދަބު ނުދިނުމަށް އެކުލަވާލާފައިވާ ގަރާރަށް ރާއްޖެއިން ވަނީ ތާއިދުކޮށްފައެވެ.

އދ.ގެ އިންސާނީ ހައްގުތަކުގެ ކޮމިޝަންގެ ސެޝަންގައި "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ގެ ނަމުގައި އެކުލަވާލާފައިވާ ގަރާރަށް ރާއްޖޭން ވަނީ ވޯޓުދީފައެވެ. ރާއްޖެއިން އެގަރާރަށް ވޯޓު ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ 65 އަހަރުވެފައިވާ އިރު ރައީސް ޔާމީންގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރިއެވެ. ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ އެމަނިކުފާންގެ ވެރިކަން ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެކަމަށެވެ.

އެގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ޔާމީން ސަރުކާރުން ކުރިއެވެ.