އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ގަސްދުކުރައްވާފައިވާ ސިވިލް ސާވަންޓުން، މަގާމުން އިސްތިއުފާ ދިނުމަށް ފަހު ވާދަކުރުމަށާއި އެގޮތަށް އަމަލު ނުކުރާ ނަމަ ގާނޫނާއި އެއްގޮތަށް އެ މުވައްޒަފުން މަގާމުން ވަކިކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފިއެވެ.
ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިވިލްސާވިސްގެ ގަވައިދު ގެ 203 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ގަސްދުކުރާ ފަރާތްތައް އެ މުވައްޒަފު ހުރި މަގާމުން އިސްތިއުފާ ދިނުމަށާއި އަދި މަގާމުން އިސްތިއުފާނުދީ ހުރެ އެ އިންތިހާބަށް ވާދަކޮށްފި ނަމަ ވަޒީފާ އިން ވަކިކުރެވޭނެ ކަމަށް ލިޔެވިފައިވާތީ އެ މުވައްޒަފަކު މަގާމުން ވަކިކުރެވޭނެ ކަން އަންގާ ކަމަށެވެ.
އެކި އެކި ދާއިރާތަކަށް ވާދަކުރުމަށާއި ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާނެކަން ސިވިލް ސާވަންޓުން އިއުލާން ކުރަމުން އަންނަ ކަމަށާއި ނަމަވެސް ގިނަ މުވައްޒަފުން ގަވާއިދާއި އެއްގޮތަށް އަމަލު ކުރަމުން ނުދާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަމަސް ދުވަސް ކުރިން އާންމު އިންތިޚާބަކަށް ވާދަކުރާނަމަ ވަޒީފާއިން ވަކިވާން ޖެހޭކަން ސީއެސްސީ އިން ވަނީ ބަޔާންކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއެއް ތަމްސީލު ކުރާ މެމްބަރުން ހޮވުމަށް ނަގާ ވޯޓު އަންނަ އަހަރުގެ މާޗު މަހު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ޕާޓީތަކުގެ ޕްރައިމަރީތައް ބާއްވާނެ ދުވަހެއް އަދި އެއްވެސް ޕާޓީއަކުން ހާމައެއް ނުކުރެއެވެ.