ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރިގެ ނައިބު ރައީސް، އަހުމަދު އަދީބުގެ ސިއްހީ ހާލު ހުރިގޮތުން ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނުން ހުއްދަ ދީފިއެވެ.
ބޮޑު އޮޕަރޭޝަނަކަށް ފަހު އަދީބު ރަނގަޅުވުމަށް ޖަލުގައި ހުރުން ރަނގަޅު ނޫން ކަމަށާއި އާއިލާއެކު ހުރުމުގެ ފުރުސަތު ދިނުމަށް ޑޮކްޓަރުން ލަފާ އެރުވި ކަމަށް އާއިލާއިން ބުނެފައިވެއެވެ.
Doc lafaa dheefaivaa gothah Adeeb geybandhah badhalukurumah MCS hudha dheefi. Alhamdulilahi
— Nash (@maryam_nashwa) November 27, 2018
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ކުރެއްވި ޓުވީޓެއްގައި އަދީބު ގެއަށް ބަދަލުކުރުމުގެ ހުއްދަ ދީފައިވާ ކަން ކަށަވަރުކޮށްދިނެވެ. ނަމަވެސް ކަރެކްޝަނުން އަދި ސަރުކާރުން ވެސް އެކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ނައިބަކަށް ހުރެ އަދީބް، އެމަނިކުފާނުގެ ލޯންޗުކޮޅުގައި ބޮން ގޮއްވި ކަމުގެ ކުށް ސާބިތުވެ އަދި އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ކުށް ބޮލުގައި އެޅި 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް ދަނީ ތަންފީޒު ކުރަމުންނެވެ.
އަދީބުގެ އާއިލާއާއި ވަކީލުން މީގެ ކުރިން ވެސް އެތައް ފަހަރު މަތިން އަދީބުގެ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެދިފައިވި ނަމަވެސް ޔާމީންގެ ސަރުކާރުން ވަނީ އަދީބު ޚިޔާނާތުން "ނެގި" ފައިސާ ދިނުމުން ނޫނީ އެކަން ކޮށްނުދެވޭނެ ކަމަށް އަންގާފައެވެ.