Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރާއްޖެއާއި އިންޑިއާ އާއި ދެމެދު އާ ވިސާ އެއްބަސްވުމެއް ޤާއިމްކުރަނީ

އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އާއި ފޮރިން މިނިސްޓަރ ޝާހިދު ބައްދަލުކުރައްވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދިރިއުޅެމުންދާ އަދި ބޭސްފަރުވާ އަށް އާންމުކޮށް ދަތުރުކޮށް އުޅޭ އިންޑިއާ އާއި، ދިވެހިރާއްޖެ އާއި ދެމެދު އާ ވިސާ އެއްބަސްވުމެއްގައި ސޮއިކުރައްވަން ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރައްވާފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިހާރު އިންޑިއާ އަށް ވަޑައިގެން އުޅުއްވާ ޝާހިދު ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އާ ވިސާ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

އަދި އެ އާ އެއްބަސްވުމުގެ ސަބަބުން އިންޑިއާގައި ދިރިއުޅެމުން އަންނަ ދިވެހި ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވެސް މިހާރު ކުރިމަތިވެފައިވާ ދަތިތައް ހައްލުވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވިއިރު، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމަށް ހަމަޖެހިފައެވެ.

އަދި ޝާހިދު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެޤައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އާއި އިއްޔެ ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ޝާހިދު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރްމަލާ ސީތާރާމް އާއި އެޤައުމުގެ ރައީސް ރާމް ނާތު ކޯވިންދު އާއި ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.