ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުން ދީފައިވާ ބާރު ރައީސް ޔާމީންގެ ސަރުކާރުން ގާނޫނަށް ބަދަލު ގެނެސް ނަގާފައިވާތީ އެބާރުތައް އަލުން ކައުންސިލްތަކަށް ދިނުން އަވަސް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ
ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކުން އެކަން ކުރެއްވޭނެ ގޮތްތަކެއް ކަނޑައަޅުއްވައި، އެކަންކަން ކުރެވޭނެ މަރުހަލާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާ ކަމަށެވެ.
ރާއްޖެ ލާމަރުކަޒީ ނިޒާމްގެ ދަށުން ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވަނީ ކައުންސިލްތަކަށް ބާރު ދީގެން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކައުންސިލްތަކުގެ ބާރު ނަގާފައިވާތީ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ގިނަ ހިދްމަތްތައް ފޯރުކޮށް ނުދެވެއެވެ. އެކަމާއި ގުޅިގެން އާއްމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.