Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކުރީގެ ސަރުކާރުން އދ. އަށް ހުށަހެޅުއްވި ރިޕޯޓަކަށް އާ ސަރުކާރުން ޖަވާބުދާރީވެއްޖެ

“ކޮންވެންޝަން އެގެއިންސްޓް ޓޯރޗަރ އެންޑް އަދަރ ކްރޫއަލް، އިންހިއުމަން އޯ ޑިގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" އާ އެއްގޮތަށް ޤައުމުތަކުން ޢަމަލުކުރަމުންދާ މިންވަރު ބަލާ އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އަށް ކުރީގެ ސަރުކާރުން ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން، އާ ސަރުކާރުން މިއަދު އެކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މިކަމާއި ގުޅޭ ބައްދަލުވުންތައް ކުރިއަށްދާނީ މިއަދާއި މާދަމާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މިކޮމިޓީއަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ހަރަކާތްތެރިވެ ވަޑައިގަންނަވާ 9 މެމްބަރުންގެ ވަފްދުގެ އިސްވެރިޔަކަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމެވެ. އެމަނިކުފާނުގެ އިތުރުން މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލްް ނަވީނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެސޯސިއޭޓް ލީގަލް ކައުންސިލް އާމިނަތު ނަބީލާ އިބްރާހީމް ނަޞީރާއި، ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ޝާހިޔާ ޢަލީ މަނިކާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގެ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަންގެ ފަސްޓް ސެކްރެޓަރީ އައިޝަތު ޝަހުލާއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސީނިއަރ ލީގަލް އޮފިސަރ މުޙައްމަދު އަޞީލް ޙަސަނާއި، އެޓަރނީ ޖެނެރަލް އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީ ފައިނާ ފައްޔާޒާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ލީގަލް އޮފިސަރ ފާތިމަތު ޝިނާޒާއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ދިވެހި ރައްޔިތުން އެމަނިކުފާނަށް ވޯޓުދެއްވާފައިވަނީ ރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރެވިގެންދާ ތަން ދުށުމަށްކަމަށާއި، މިއަދު ދިވެހިރާއްޖެއިން ދަތުރުފަށާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމްކޮށް، ގެއްލިފައިވާ ޙައްޤުތައް އަނބުރާ ހޯދުމަށްކަމުގައެވެ.

"އަނިޔާއާ ދެކޮޅަށް އަޅުގަނޑުމެންގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރު އިތުރުވަމުންދިޔަ ނަމަވެސް ޤާނޫނުތަކާއި އެއްގޮތަށް ޢަމަލުކުރުމުގައި ހަޤީގަތާއި ޚިލާފުވުންތަކެއް އުޅޭކަމަށާއި، ޚާއްޞަކޮށް މިކަން މި ވޭތުވެދިޔަ 5 އަހަރު ހިނގާފައިވަނީ މިގޮތަށްކަން ވަނީ ފާހަގަކުރެވިފައި. އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އަށް ދިވެހިރާއްޖޭގެ ޢަމަލުތަކާއި މިކަންކަމަށްދޭ އަހައްމިއްޔަތު ފެނި، ދިވެހިރާއްޖޭގައި އަނިޔާ ހުއްޓުވުމަށްޓަކައި އެބޭފުޅުން ދެއްވާ ލަފާފުޅުތަކަށް މި ސަރުކާރުން މަރުޙަބާ ކިޔާނަން."، ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނާލަންޖެހޭ، މި ކުރިމަތިލަނީ މިދިޔަ ސަރުކާރުން ހުށަހަޅާފައިވާ ރިޕޯޓަކަށް ޖަވާބުދާރީވާންކަން. އެހެންކަމުން މި ކޮމިޓީއަށް ޖަވާބުދާރީވާން ފަށާ ބަސްދީގަތުމުގައި އަޅުގަނޑުމެން ފާހަގަކުރާ ކަންތައްތަކުތެރޭގައި ކުރީ ސަރުކާރާއި މި ސަރުކާރާއި މި ކޮންވެންޝަނަށް އަމަލުކުރުމާއި ދޭތެރޭ ދެކޭގޮތް ތަފާތުކަން އަޅުގަނޑުމެން ފާހަގަކުރާނަން. ޚާއްޞަކޮށް މިސަރުކާރުން އެކިކަހަލަ އަނިޔާ ހުއްޓުވުމަށް އިސްކަންދޭމިންވަރު މި މަޝްވަރާތައް ފެށުމުގެ ކުރިން ރާއްޖޭގެ ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަމަށް ކުރުމަށް ނިންމާފައިވާ ކަންތައްތަކުން އަޅުގަނޑުމެން ހާމަކުރާނަން."، މި ކޮމިޓީގެއަށް ދިވެހިރާއްޖޭގެ ވަފްދު ހާޒިރުވެވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ ނަޞީމް ވިދާޅުވި އެވެ.

އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އާއެކު ބޭއްވޭ މަޝްވަރާތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.