Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

މަރުގެ އަދަބު ނުދޭނެކަމަށް ބުނި ޓްވީޓު ޑިލީޓު ކޮށްފި

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ކުރި ޓްވީޓު ރޭ ޑިލީޓުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އޮތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. އަދި އދ. ގެ މަރުގެ އަދަބު ނުދިނުމަށް އެކުލަވާލާފައިވާ ގަރާރަށް ރާއްޖެއިން ވަނީ ތާއިދުކޮށްފައެވެ.

އދ.ގެ އިންސާނީ ހައްގުތަކުގެ ކޮމިޝަންގެ ސެޝަންގައި "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ގެ ނަމުގައި އެކުލަވާލާފައިވާ ގަރާރަށް ރާއްޖޭން ވަނީ ވޯޓުދީފައެވެ. ރާއްޖެއިން އެގަރާރަށް ވޯޓު ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަން ސަރުކާރުން ހާމަ ކުރުމާއިގުޅިގެން ގިނަ ދީނީ އިލްމުވެރިންވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. އަދި ބައެއް އާއްމު ރައްޔިތުންވެސް ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދުތަކާ ދެކޮޅަށް، ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމް ގޮންޖަހައި، ކުރެވުނު މަލާމާތެއް ކަމަށެވެ. ކުރިން ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރަށް ގިނަ ފާޑު ކިއުން އަމާޒުވެފައިވަނިކޮށް ފޮރިން މިނިސްޓްރީގެ ޓްވީޓު ވަނީ ޑިލީޓުކޮށްފައެވެ. މިކަމާއި ގުޅިގެން ރަސްމީ ގޮތަކަށް ސަރުކާރުން ވާހަކަ ދައްކާފައި ނުވެއެވެ.