މުނިފޫހިފިލުވުން

" ދަ ކަޕިލް ޝަރްމާ ޝޯވ"ގެ އާ ސީޒަނެއް ފެށެނީ

ސޮނީ ޓީވީއިން ދައްކަމުން އަންނަ ކޮމެޑީ ޝޯވ "ދަ ކަޕިލް ޝަރްމާ ޝޯވ"ގެ އާ ސީޒަނެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިއަންނަ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޝޯވ ގެ ޕްރޮމޯ މިހާރުވަނީ ދައްކަން ފަށާފައެވެ. މީހުން ހެއްވާލަން ދެވަނައެއް ނެތް މިޝޯވ އަށް ވަނީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަރުހީބު ލިބިފައެވެ.

ޑިސެމްބަރު މަސް ވެގެންދާނީ ކަޕިލް ޝަރްމާ ވަރަށް އަވަދިނެތި އުޅޭނެ މަހަކަށެވެ. އެމަހުގެ 12 ވަނަ ދުވަހު އޭނާގެ ކައިވެންޏަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އޭނާގެ ލޯބިވެރިޔާ ގިނީ ޗަތްރަތާއި ޖަލަންދަރުގައި ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ ކަމަށް ކަޕިލް ވަނީ ބުނެފައެވެ.

އޭނާގެ ޝޯވ ޕްރިމިއާ ކުރާ ދުވަހުގެ ފަހު ދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެކުވެރިންނަށް ކައިވެނީގެ ޕާޓީއެއްވެސް ބާއްވަން އޭނާ ވަނީ ނިންމާފައެވެ.

ކަޕިލްގެ ކައިވެނީގެ ކާޑުވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.