Last Updated: June 21, 13:41
Sunday, June 21, 2026
ޚަބަރު

މަޖިލީހުގެ ޖަލްސާތަކަށް ލަހުން ހާޒިރުވާ މެމްބަރުންނަށް ފިޔަވަޅު އަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑިއަށް ޖަލްސާތަކަށް ހާޒިރުނުވާ މައްސަލަ، ސުލޫކީ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޤާސިމް މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރުމަށް މުހިންމު މަސައްކަތްތަކެއް ތާވަލްކޮށްފައި ވީއިރު، ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް މެމްބަރުން ހާޒިރުވެވަޑައިނުގަތުމުން، ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެ، ޖަލްސާ ފަސްކުރަން ޖެހުމާއި ގުޅިގެންނެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށް ތާވަލްކޮށްފައި އޮތީ ހެނދުނު 09:00 ގައެވެ. ނަމަވެސް މެމްބަރުން ގަޑިއަށް ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން ޖަލްސާ ފެށީ 09:30 ގައެވެ.

ޤާސިމް ވިދާޅުވީ އެއްވެސް ސަބަބެއް ނެތި މެމްބަރުން ގަޑިއަށް މަޖިލީހަށް ލަހުން ހާޒިރުވެވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށާއި، އެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ފޮނުއްވާނެ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވިދާޅުވީ، ސްކޫލް ކުދިން ގަޑިއަށް ސްކޫލަށް ހާޒިރުވާއިރު، އެއަށްވުރެ "ބޮޑެތި ކުދިން" މަޖިލީހަށް ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާތީ، މެމްބަރުން ޒިންމާދާރު ކުރެއްވުމަށް މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތްޕުޅު ބަލައިގަންނަ ކަމަށެވެ.