ސިވިލް ސަވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަޤާމަށް އައްޔަންކުރުމަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ ސީއެޗްއެސްސީގެ ކުރީގެ ޕްރިންސިޕަލް ފާތިމަތު އާމިރާ އަށެވެ.
ސީއެސްސީގެ މެމްބަރުކަމަށް އެދި ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރު ފާތިމަތު ރީނީ އަބްދުއްސައްތާރުގެ މެމްބަރުކަމުގެ ދައުރު މިއަދަށް ހަމަވާތީ އެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި އެ މަޤާމަށް 13 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ބޭފުޅުންނަކީ އެ މަޤާމަށް ޤާބިލް ބޭފުޅުންތޯ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅާފައެވެ.
އެގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާކުރުމަށްފަހު އެންމެ މަތިން މާކްސް ދީފައިވަނީ އާމިރާ އަށެވެ. އެއީ 89% މާކްސް އެވެ.
ސީއެސްސީ އަށް އައްޔަން ކުރުމަށް ގާބިލް މީހެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުމުންނެވެ. އާމިރާގެ އިތުރުން އެހެން ދެ ބޭފުޅާކަށް ވެސް 75 އަށް ވުރެ މަތިން މާކްސް ލިބުނެވެ. އެއީ ތ. ހިރިލަންދޫ، ލިލީގޭ އަބްދުއްރަހީމް ހަސަނާއި، މ. ވެލަގަލި މުހައްމަދު މާހިދު ޝަރީފް އެވެ. އަބްދުއްރަހީމަށް 83.4 ޕަސަންޓް ލިބިވަޑައިގެންފައިވާއިރު މާހިދަށް ލިބިވަޑައިގެންފައިވަނީ 79.5 ޕަސެންޓެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. ނަމަވެސް، މަޖިލީހުން ފާސްކުރާނީ މި ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ނަމެވެ.
ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް އެންމެ މަތިން މާކްސް ހޯއްދެވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު)ގެ އަނބިކަނބަލުން އާމިރާ އަކީ ސީއެޗްއެސްސީގެ ޓީޗަރު ކަމާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމްވެސް އަދާކުރައްވާފައިވާ ބޭކަނބަލެކެވެ.