ރާއްޖޭގައި ދާއިމީކޮށް އިންޑިއާ ސިފައިން ތިބޭ ގޮތަށް ހަމަޖައްސައި، ދެގައުމުގެ ގުޅުން ވަރުގަދަ ކުރާނަމަ އެހީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ މީޑިއާ ތަކުން ބުނެފިއެވެ.
އިންޑިއާގެ ރަސްމީ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ގައުމުގެ އަސްކަރީ ގުޅުން ވަރިގަދަ ކުރާނަމަ އިންޑިއާ އޮތީ ރާއްޖެއަށް ކުޑަ އިންޓްރެސްޓުގައި 1 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ތައްޔާރަށް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ އާއި އެކު އޮތް ދުވަސްވީ ގުޅުން ވަރުގަދަ ކުރާނެކަމުގެ އިޝާރާތްކޮށްފައިވާ އިރު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އިންޑިއާއަށް ވަޑައިގެން އެގައުމުގެ އިސް ފަރާތްތަކާއި މަޝްވަރާކޮށްފައެވެ.
އެގޮތުން އިންޑިއާއިން ރާއްޖެއަށް އެހީތެރިވެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އިންޑިއާގެ ނޫސް ތަކުން ވަނީ ބުނެފައެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީކޮށް ތިބުމާއި ގުޅޭ މަޝްވަރާ ކުރެވޭނެކަމަށް މީޑިއާ ރިޕޯޓު ބުނެއެވެ.
އިންޑިއާއިން ރާއްޖޭގައި ދާއިމީކޮށް ސިފައިން ބައިތިއްބަން ވާހަކަ ދައްކަމުންދާ އިރު އިންޑިއާއިން ރާއްޖޭގައި ބާއްވާފައިވާ ދެ ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމަށް އިންޑިއާގެ 60 އަށް ވުރެ ގިނަ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބެއެވެ.
މީގެ އިތުރުން އިންޑިއާއިން ދަނީ އައްޑޫ ހިތަދޫގައި ޕޮލިސް އެެކަޑަމީގެ ނަމުގައި ވަރުގަދަ އިމާރާތްތަކެއް ގާއިމް ކުރަމުންނެވެ.