Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުންގެ އަދަދު 19އަށް

މެމްބަރުން ކޯޓުކުރިމަތީ ފޮޓޯއަކަށް ހުއްޓިލައިގެން-

މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަދި ޖުމްހުރީ ޕާޓީގެ މެމްބަރުން ހަމަހަމަވެއްޖެއެވެ.

އެމްޑީޕީ އާއި ޖުމްހުރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ މިހާރު 19 އެވެ. އެމްޑީޕީގެ މަޖްލިސް މެމްބަރުންގެ އަދަދު މަދުވެފައިވަނީ އާ ސަރުކާރުގެ ކެބިނެޓަށް އެޕާޓީގެ ހަ މަޖްލިސް މެމްބަރުން ދިއުމާއި ގުޅިގެންނެވެ.

ފާއިތުވި ދުވަސްތަކުގައި ޖުމްހުރީ ޕާޓީއަށް ވަނީ ގިނަ މަޖްލިސް މެމްބަރުންތަކެއް ސޮއިކޮށްފައެެވެ. އެގޮތުން ސޮއި ކުރި ގިނަ މެމްބަރުންނަކީ ޖޭޕީގެ ޓިކެޓުގައި މަޖްލިސް މެމްބަރުކަމަށް ހޮވުނު ފަހުން ޕާޓީ ބަދަލު ކުރި މެމްބަރުންނެވެ.

އެމްޑީޕީ އާއި ޖޭޕީގެ މަޖްލިސް މެމްބަރުންގެ އަދަދު 19 އަށް އެރި އިރު މިހާރުވެސް މަޖްލިސްގެ އެންމެ ގިނަ ގޮޑި ލިބިފައިވަނީ ޕީޕީއެމްއަށެވެ. ޕީޕީއެމްފައި 29 މަޖްލިސް މެމްބަރުން ތިއްބެވި އިރު އެމްޑީއޭ މެމްބަރުންގެ އަދަދު ވަނީ ހަތަރަކަށް ތިރިވެފައެވެ.

ރައްޔިތުންގެ މަޖިލީހުން ހަ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖްލިސްގެ މެމްބަރުންގެ އަދަދު ވަނީ 79 އަށް ތިރިވެފައެވެ.

މަޖްލިސް އިންތިހާބު ކައިރިވަމުން އަންނަ އިރު ބައެއް މެމްބަރުން ޕާޓީ ބަދަލު ކުރަނީ ޕްރައިމަރީ އާއި ނުލައި ޓިކެޓު ހޯދުމުގެ ބޭނުމުގައިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ޖޭޕީ އާއި ގުޅުނު ގިނަ މެމްބަރުންނަކީ ޕްރައިމަރީ އާއި ނުލައި ޓިކެޓު ހޯދުމަށް ގުޅުނު މެމްބަރުންކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.

އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ މަޖްލިސް ޓިކެޓު ލިބޭނީ ޕްރައިމަރީއަށް ގޮސްގެން ކަމަށެވެ. އަދި ޕްރައިމަރީ އާއި ނުލައި ޓިކެޓު ނުދިނުމަށް އެޕާޓީގެ އާއްމު މެމްބަރުން ދަނީ އަޑު އުފުލަމުންނެވެ.