ސިޔާސީ އެކި މަޤާމުތަކަށާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންގެ މަޢުލޫމާތު ހިމެނޭގޮތަށް ފޯމެއް އެކުލަވާލައްވައި، އެބޭފުޅުން އެ ފޯމް ފުރިހަމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ފޯމުގައި ހިމެނޭ މަޢުލޫމާތުތަކުގެ ތެރޭގައި، އެ މަޤާމަކަށް ޢައްޔަނުކުރެވޭ ބޭފުޅެއްގެ ޢާންމު މަޢުލޫމާތާއި، އެބޭފުޅެއްގެ ތަޢުލީމީ ފެންވަރާއި، ތަމްރީނާއި ތަޖުރިބާއާއި، އެބޭފުޅަކަށް ލިބިވަޑައިގަންނަވާ އާމްދަނީއާއި، އެބޭފުޅެއްގެ މުދަލާއި، ފައިސާއާއި، ދަރަންޏާބެހޭ މަޢުލޫމާތު ހިމެނޭ ކަމަށެވެ.
"މި ދެންނެވި މަޤާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް އެ މަޤާމުތައް ދެއްވާނީ މި އިޤްރާރު، އެބޭފުޅަކު ފުރިހަމަކުރެއްވުމުން، އޭގައިވާ މަޢުލޫމާތުތަކަށް ބެއްލެވުމަށްފަހުގައެވެ."، ރައީސް އޮފީހުން ބުނެއެވެ.
ރައީސް ސޯލިހު މިގޮތަށް މިއަދު ހަމަޖެއްސެވިއިރު، މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ފަރާތްތަކުގެ މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަކީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ.